ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އަސާސީ ޤަވާއިދާއި އެޕާޓީގެ ބައެއް މެންބަރުން ޚިލާފުވެފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވަނިކޮށް އެމަނިކުފާނު ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުންތައް ބޮޑުވެފައިވަނިކޮށް މިރޭ ރައީސް މައުމޫން އިއްވެވި ބަޔާނެއްގައި އެމަނިކުފާނު ވަނީ ޕީޕީއެމްގެ އިސްލާހީ ޕްރޮގްރާމެއް އިއުލާން ކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ އެ އިސްލާހީ ޕްރޮގްރާމުގައި "އަޅުގަނޑަށް މަޝްވަރާ އާއި ލަފާދެއްވާނެ މަޖްލީހެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ޤަވާއިދުގައިވާ 'މަޝްވަރާ މަޖްލީސް' މިއަދު އަޅުގަނޑު އުފައްދައިފިން" ކަމަށެވެ.
ޕީޕީއެމްގެ އަސާސީ ޤަވާއިދުގައި ބުނާގޮތުން އެ މަޖްލީހުގައި ތިއްބަވާނީ ޕާޓީގެ ރައީސްގެ އިތުރުން 8 މެމްބަރުންނެވެ.
ނަމަވެސް ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 39 ވަނަ މާއްދާއިން ރައީސް މައުމޫން އަމިއްލަފުޅަށް މަޝްވަރާ މަޖްލީހެއް އުފެއްދުމުގެ ބާރު ލިބިވަޑައެއް ނުގަންނަވައެވެ.
އެޕާޓީގެ އަސާސީ ޤަވާއިދުގެ 39 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޕާޓީގެ މަޤުސަދުތައް ހާސިލްކުރުމަށްޓަކައި ޕާޓީގެ ރައީސް ޕާޓީގެ ކައުންސިލަރުންގެ ބޭރުން ލަފަޔާއި މަޝްވަރާ ހޯއްދެވުމަށްޓަކައި އެކުލަވާލެވިފައިވާ މަޖްލީހެއް އޮންނަންވާނެ އެވެ.
އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ ޕާޓީގެ މަޝްވަރާ މަޖްލީހަކީ، ޕާޓީގެކައުންސިލްގެ ރުހުމާއެކު ޕާޓީގެ ރައީސް އައްޔަންކުރައްވާ މަޖްލީހެކެވެ.
ރައީސް މައުލޫން މިއަދު ކުއްލި ގޮތަކަށް "މަޝްވަރާ މަޖްލީސް" އުފެއްދެވިއިރު އަސާސީ ޤަވާއިދުގައި ބުނެފައިވާގޮތަށް ޕާޓީގެ ކައުންސިލްގެ ރުހުން ހޯއްދަވާފައެއް ނުވެއެވެ.
އިއްޔެއިން ފަށައިގެން ރައީސް މައުމޫންވަނީ ޕީޕީއެމްގެ ހުރިހާ ގުނަވަނެއްގެ ހިންގުން ހުއްޓުވާފައެވެ.
ޕީޕީއެމްގެ އަސާސީ ޤަވާއިދާ ރައީސް މައުމޫން ޚިލާފުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ