ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ނަންފުޅުގައި ޖީއެމްއާރުން ސްރީލަންކަން އިން ދެ ޓިކެޓް ނަގާފައިވާ ކަމަށް އުމަރު ނަސީރު ކުރައްވާ ތުހުމަތަށް ޝާހިދާއި ތަސްމީން އިންކާރު ކުރައްވަމުން ގެންދަވަނިކޮށް އެންމެ ފަހުން އުމަރު އެ މައްސަލަ މިއަދު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާފަ އެވެ.
އޮކްޓޯބަރު ،30 2010 ގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީން، ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ މަގުން ރާއްޖެ ދަތުރުކުރުމަށް ހައިދުރަ އާބާދުގެ ޓިކެޓް އޮފީހަކުން ނަގާފައިވާ ދެ ޓިކެޓު ވެފައިވަނީ ޑީއާރުޕީގެ އެތެރޭގެ އެންމެ ނާޒުކު އެއް މައްސަލައަށެވެ.
ޑީއާރުޕީން ވަކިކުރަން އެ ޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ ޑެޕިއުޓީ އެއް ލީޑަރު އުމަރު ވިދާޅުވާ ގޮތުގައި އެއީ ޖީއެމްއާރުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ޝާހިދާއި ތަސްމީން ނިއު ދިއްލީ އަށް ކުރައްވަން އޮތް ދަތުރެއްގެ ޓިކެޓެވެ. އެކަމަކު އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ޝާހިދާއި ތަސްމީން ވެސް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.
ހައިދްރަބާދުގައި ހުންނަ އެފްސީއެމް ޓްރެވަލް ސޮލިއުޝަންސް ލިމިޓެޑުން އޮކްޓޯބަރު ،26 2010 ގައި ސްރީލަންކަން އެއާލައިންސްގެ ބިޒްނަސް ކްލާހުން ޝާހިދާއި ތަސްމީންގެ ނަމުގައި އޮތް ދެ ޓިކެޓް ނަގާފައި ވަނީ ޓިކެޓެއް 42،749 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 12،000 ރުފިޔާ) އަށެވެ. ޓިކެޓުގައިވާ ދެ އަކުރުގެ ކޯޑަކުން ދޭހަވާ ގޮތުގައި އެ ފައިސާ ދައްކާފައިވަނީ މާސްޓަ ކާޑަކުންނެވެ.
ޓިކެޓު ނެގީ ޕްރަޝާންތު ނަމަކަށް ކިޔާ މީހެއް ކަމަށް ޓިކެޓުގައިވެ އެވެ. ޓިކެޓްގައި އޭނާ ދީފައިވާ ނަންބަރަށް "ހަވީރު" ން މިއަދު ގުޅާފައި އެއީ ކާކުތޯ އެހުމުން "މިއީ ޕްރަޝާންތު" ކަމަށް ބުންޏެވެ. ނަމަވެސް ޓިކެޓާ ބެހޭ ގޮތުން މައުލޫމާތެއް ސާފުކުރަން ބޭނުންވާ ކަމަށް ބުނުމާ އެކު އޭނާ ވަނީ ފޯނު ކަނޑާލައިފަ އެވެ. ފަހުން ގުޅުމުން ފޯނަށް ޖަވާބެއް ނުދެ އެވެ.
ޓިކެޓް ނަގާފައި ވަނީ ޖީއެމްއާރުން ކަމަށް ކަށަވަރެއް ނުވެ އެވެ. އެއާލައިންތަކުގެ ޓިކެޓް ވިއްކުމުގެ ތަޖުރިބާ ހުރި ބޭފުޅަކު، ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކުރައްވާ، ވިދާޅުވީ ޓިކެޓް ނަގަން ދާ މީހާ ބުނާ ނަމަކާއި ގުޅޭނެ ފޯނު ނަންބަރު ޖަހާނެ ކަމަށެވެ.
ޓިކެޓްގައި ޖަހާފައިވާ ޕްރަޝާންތަކީ ޖީއެމްއާރުގެ މުވައްޒަފެއްކަން ނުވަތަ ނޫންކަން ވެސް ކަށަވަރެއްނުވެ އެވެ.
އެކަމަކު ސްރީލަންކަން އެއާލައިންސްގެ މައި އޮފީހުގެ އޮފިޝަލަކު ރޭ މީޑިއާ އަށް ކަށަވަރު ކޮށްދިން ގޮތުގައި މިއީ ސައްހަ ޓިކެޓެވެ. މި މައުލޫމާތު ދިނީ އެ އެއާލައިނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ މެނޭޖަރު ދައްމިކަ ކުލަތުންގަކަން "ހަވީރަ" ށް ވަނީ ކަށަވަރު ވެފަ އެވެ.
ތަސްމީނާއި ޝާހިދު ނިއު ދިއްލީ އަށް ވަޑައިގަންނަވާ ގޮތަށް އޮތް ނަމަ ސްރީ ލަންކާ އިން ދިއްލީ އަށް ދަތުރުކުރައްވަން އޮތީ ކޮން ޓިކެޓެއްގައި ކަމެއް ނޭނގެ އެވެ. ޝާހިދާއި ތަސްމީން އޮކްޓޯބަރު 28 ގައި މާލެއިން ސްރީ ލަންކާ އަށް ވަޑައިގެންނެވި ކަމަށް އުމަރު ވިދާޅުވެ އެވެ.
އެފްސީއެމް ޓްރެވަލް ސޮލިއުޝަންސް އިން ދޫކޮށްފައިވާ ދެ ޓިކެޓްގައި ދަތުރުނުކޮށް ރިފަންޑްކޮށްފައި ވަނީ ވެސް ދަތުރުކުރަން އޮތް އޮކްޓޯބަރު 30 ވަނަ ދުވަހު އެވެ. ރިފަންޑް ފައިސާ ދާނީ ޓިކެޓް ގަތުމަށް ފައިސާ ދެއްކި ކަމަށް ބެލެވޭ މާސްޓާ ކާޑަށެވެ.
ޓިކެޓްގެ މައްސަލަ ރާއްޖޭގެ ވެބްސައިޓެއްގައި ފުރަތަމަ ފަހަރަށް ފަޅާއަރުވާލުމާ އެކު ޝާހިދާއި ތަސްމީން ގެންދަވަނީ އެ ދެ ބޭފުޅުންގެ ނަންފުޅު ދިފާއުކުރައްވަމުންނެވެ. އަދި މިހާތަނަށް ޖީއެމްއާރުގެ އެއްވެސް މީހަކާ، އެއްވެސް އިރެއްގައި ވާހަކަ ވެސް ދައްކަވާފައި ުނުވާނެ ކަމަށް ވިދާޅުވެ އެވެ. އެކަމަކު އުމަރު ވިދާޅުވާ ގޮތުގައި އެ ދެ ޓިކެޓް އޭނާ ބޭނުން ކުރައްވާނީ ތަސްމީނާއި ޝާހިދާ މެދު ކުރައްވާ ރިޝްވަތުގެ ތުހުމަތެއްގެ "ހެއްކެއް"ގެ ގޮތުގަ އެވެ.
ޝާހިދާއި ތަސްމީންގެ ނިއު ދިއްލީ ދަތުރު ކެންސަލްކުރެއްވީ ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމަށް އެ ދަތުރުގެ މައުލޫމާތު އެނގިވަޑައިގެން އެ ދެ ބޭފުޅުންނަށް ގުޅުއްވުމާ ހިސާބުން ކަމަށް އުމަރު ވިދާޅުވެ އެވެ. އަދި ޓިކެޓްގެ މައްސަލަ އޭސީސީ އަށް އުމަރު ލެއްވުމަކީ ޑީއާރުޕީގެ އެތެރޭގެ ކޯޅުންގަނޑުގައި އޭނާ ކުޑަކޮށް ވެސް ދޫދެއްވަން ނެތް ކަމުގެ ހެއްކެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ.
އުމަރު ވިދާޅުވީ އޭނާ އޭސީސީ އަށް ހުށަހެޅުއްވީ ޖީއެމްއާރުން ދިން ޓިކެޓެއްގައި ތަސްމީނާއި ޝާހިދު ދަތުރު ކުރައްވަން އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށެވެ. އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވަނީ އެފަދަ މައްސަލައެއް ހުށަހަޅާފައިވާކަން "ހަވީރަ"ށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ޓިކެޓުގެ މައްސަލަ: އެންމެ ފަހުން އުމަރު އޭސީސީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ