ބަޖެޓާ އެއްވަރަށް އިގުތިސާދީ ދުވެލި ދަށްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ދައުރުވާ ފައިސާގެ އަދަދު މަދުކޮށް، ބަޖެޓާ އެއްވަރަށް އިގުތިސާދުގެ ކުރިއެރުން ދަށްކުރަން ޖެހޭކަމުގެ އިޝާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ފަޒީލު ނަޖީބު ދެއްވައިފި އެވެ.
މި ހަފުތާގެ ހޯމަދުވަހު ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބައެއް އިސް ފަރާތްތަކާ ބައްދަލުކުރައްވައި ފަޒީލު ވިދާޅުވީ ބަޖެޓް ޑެފިސިޓްކޮށްގެން ހަރަދުތައް މައްޗަށް ޖެއްސުމަކީ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށާއި އާމްދަނީއާ އެއްވަރަށް ހަރަދުތައް ތިރިކުރަން ޖެހިފައިވާ ކަމަށެވެ. އަދި މިހާރު އިގުތިސާދު ކުރިއަރާ ރޭޓަކީ މިވަގުތަށް ހިފެހެއްޓޭނެ ވަރެއް ނޫން ކަމަށް ވެސް ފަޒީލު ވިދާޅުވި އެވެ.
އެމްއެމްއޭގެ ވެބްސައިޓްގައިވާ ގޮތުން މި އަހަރު 10 ޕަސެންޓްގައި ކުރިއަރާނެ ކަމަށް އަންދާޒާކުރި އިގްތިސާދީ ކުރިއެރުން މިހާރު ހުންނާނީ 4.5 ޕަސެންޓްގަ އެވެ.
ފަޒީލު ބުރާސްފަތި ދުވަހު ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި އެ ވާހަކަ ދެއްކެވީ ޑޮލަރު ލިބޭ ވަރާއި ރާއްޖެ އަށް އިމްޕޯޓް ކުރާ ތަކެތީގެ ހަރަދު ދިމާކޮށްގެން ނޫނީ މިވަގުތަށް ކަންކަން ދެކޮޅު ޖައްސަން ދަތިވާނެ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.
އެމްއެމްއޭގެ ގަވަރުނަރު ބައްދަލުކުރެއްވި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިސް ފަރާތްތަކުގެ ތެރޭގައި އައިމާ ކޮންސްޓްރަކްޝަނާއި އަމިން އާއި އެލިއާ ކޮންސްޓްރަކްޝަނުގެ އިތުރުން އެނޫން ވެސް ބޮޑެތި ކުންފުނިތައް ހިމެނެ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ބުރާސްފަތި ދުވަހު ވިދާޅުވީ އެ ބޭފުޅުންގެ ކަންބޮޑުވުންތައް އެމްއެމްއޭގެ ގަވަރުނަރާ އެކު ހިއްސާ ކުރެއްވި ކަމަށާއި އޭގެ ތެރޭގައި ބޭންކްތަކުން ޑޮލަރު ލިބުން ދަތިވުމާއި ޑޮލަރުގެ ބްލެކް މާކެޓެއް އުފެދުން ފަދަ ވާހަކަތައް ހިމެނޭ ކަމަށެވެ.
މި މަހުގެ ކުރީކޮޅު ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ފަޒީލު ވިދާޅުވީ ދައުލަތުގެ ނެޓް ރިޒާވް ޖެނުއަރީގެ ނިޔަލަށް 87.86 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެއީ ޑިސެމްބަރުގެ ނިޔަލަށް ނެޓް ރިޒާވުގެ ގޮތުގައި ހުރި 96 މިލިއަން ޑޮލަރަށް ވުރެ 8.14 މިލިއަން ޑޮލަރު މަދު އަދަދެކެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީގައި ގްރޮސް ރިޒާވުގެ ގޮތުގައި ހުރި 300 މިލިއަން ޑޮލަރު ވެސް 222 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ ރެކޯޑްތަކުން ދައްކަ އެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ވޭތުވެ ދިޔަ ތިން މަހުގެ ތެރޭގައި އެމްއެމްއޭ އިން 587 މިލިއަން ރުފިޔާ ސަރުކާރުން ދަރަންޏަށް ނަގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ