ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން ގާސިމް އުޅުއްވި ކަމަށް ބުނާ މައްސަލަ ޕީޖީ އޮފީހަށް ފުލުހުން ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދެއްވައިގެން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އުޅުއްވި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ހުށަހަޅައިފި އެވެ.
ހަވީރަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ފުލުހުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދެއްވައިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލުމަށް ގާސިމް އުޅުއްވި ކަމަށެވެ. މި މައްސަލައިގައި ފުލުހުން ގާސިމް ހައްޔަރު ވެސް ކޮށްފައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމަށް ބުނާ މައްސަލަތަކަކާ ގުޅިގެން ގާސިމްގެ އިތުރުން މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ފުލުހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ ދެބޭފުޅުން ދޫކޮށްލަން ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ