މައުމޫން ހިޔާނާތެއް ވެފައިވާ ނަމަ އޮޑިޓް ރިޕޯޓްތަކުން އެކަން ސާބިތުކޮށްދިނުމަށް މިއަދު ނޫހުގެ އެޑިޓަރަށް އަންގަވައިފި

ކުރީގެ ރައީސް މައުމޫން 400 މިލިއަން ޑޮލަރުގެ ހިޔާނާތެއް ވެފައިވާ ނަމަ އޮޑިޓް އޮފީހުގެ ރިޕޯޓްތަކުން އެކަން ސާބިތުކޮށްދިނުމަށް މިއަދު ނޫހުގެ އެޑިޓަރު އަބްދުއް ލަތީފް އާދަމަށް ކޯޓުން މިއަދު އަންގައިފި އެވެ.
ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ނިހާޔަތު ވިދާޅުވީ މިއަދު ނޫހުގެ އެޑިޓަރު ލ. މާމެންދޫ ބަށިމާގޭ އަބުދުއް ލަތީފް އާދަމް، ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމްގެ އަބުރާ ބެހިފައިވާކަމަށް ބުނެ ލަތީފްގެ މައްޗަށް މައުމޫން ކުރައްވާފައިވާ އަބުރުގެ ދައުވާއާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް އޮޑިޓާ ޖެނެރަލް އޮފީހަށް ކޯޓު އަމުރެއް ފޮނުވުމުން ވެސް ޖަވާބެއްދީފައި ނުވާ ކަމަށެވެ.
ނިއު ޔޯކް ޓައިމްސްއާ ހަވާލާދީ މިއަދު ނޫހުގައި ލިޔެފައިވާ ލިޔުމުގައި މައުމޫން 400 މިލިޔަން ޑޮލަރުގެ ހިޔާނާތެއް ވެފައިވާ ކަމަށް ބުނެފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއްތޯ ބެލުމަށް އޮޑިޓާ ޖެނެރަލް އޮފީހަށް ދެންނެވުމުން މި ވަގުތުގައި އޮޑިޓާ ޖެނެރަލެއް ނެތުމުން އެ އޮފީހުގެ ފަރާތުން ޖަވާބުދާރީވާނެ އަދި ޒިންމާވާނެ އިސްފަރާތެއް ނެތް ކަމަށް ބުނެ އޮޑިޓް ރިޕޯޓްތަކެއް ފޮނުވާފައިވާ ކަމަށް، މި މައްސަލައާ އަލަށް ހަވާލުވެ ވަޑައިގަތް ގާޒީ ނިހާޔަތު ވިދާޅުވި އެވެ. ކުރިން މި މައްސަލަ ބެއްލެވީ ގާޒީ އާއިޝާ ޝުޖޫން މުހައްމަދެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިގޮތަށް ޖަވާބު ދިނުމާ ގުޅިގެން، އެ އޮފީހާ މިހާރު ހަވާލުވެ ހުންނެވި އިސްފަރާތެއް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް ދެންނެވި ކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް އޮޑިޓާ ޖެނެރަލްގެ މަގާމު ހުސްވުމުން އެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވާނެ ވަކި ފަރާތެއް އޮޑިޓާ ޖެނެރަލް އޮފީހުގެ ގާނޫނުގައި ނެތް ކަމަށް ޖަވާބުދީފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގައި މައުމޫންގެ ފަރާތުން ވަކާލާތުކުރެއްވި މުހައްމަދު ވަހީދު އިބްރާހިމް އާއި ދައުވާ ލިބޭ ލަތީފް ވެސް ސީދާ މައްސަލައާ ގުޅުން ހުރި އާ ވާހަކައެއް ނުދައްކަވަ އެވެ. އަދި ދެ ފަރާތުން މައްސަލައިން ބޭރުން ވާހަކަ ދައްކަވާތީ ގާޒީ ވަނީ ސީދާ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ވެސް އަންގަވައިފަ އެވެ.
މި މައްސަލާއިގެ އަޑު އެހުމެއް ދެން ބޭއްވުމަށް ހަމަޖައްސާފައި ވަނީ މާޗް 1 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ