ދައުވާ ކުރުމުގެ މަރުހަލާގައި "ނުރަނގަޅު" އެއްވެސް ކަމެއް ނުހިނގާނެ: ޕީޖީ އޮފީސް

ތަހުގީގާއި ދައުވާ ކުރުމުގެ މަރުހަލާގައި ބައެއް މައްސަލަތަކުގައި "ނުރަނގަޅު" ކަންތައްތަކެއް ހިނގާ ކަމަށް ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވި ނަމަވެސް އެފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
ޖިނާއީ ހުރިހާ މައްސަލައެއް ކޯޓަށް ހުށަހަޅާ ޕީޖީ އޮފީހުގެ ނައިބު ހުސެއިން ޝަމީމް ވިދާޅުވީ ދައުވާ ކުރުމުގެ މަރުހަލާގައި އެއްވެސް ނުރަގަނޅު ކަމެއް ނުހިނގާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާނަމަ އެއީ ކޮން ކަމެއްކަން އިސް ގާޒީ ވިދާޅުވާންވީ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. އޭގެ އިތުރުން އޭނާ އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.
ޕީޖީ އޮފީހަށް މައްސަލަތައް ހުށަހަޅާ ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހުން އަބަދުވެސް މަސައްކަތް ކުރަނީ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ނުލިބޭނެ ގޮތަށް އެންމެ ފުރިހަމަ އަށް ތަހުގީގު ކުރުމަށް ކަމަށެވެ. އަދި އެފަދަ މައްސަލައެއް އުޅޭ ކަމަށް ފާހަގަ ކުރެވޭ ނަމަ އެކަމެއް ފުލުހުންނަށް ހުށަހެޅުމުން އެ ކަންތައް ރަނގަޅު ކުރައްވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"އެފަދަ މައްސަލައެއް އުޅޭ ކަމަށް ފާހަގަ ކުރެވޭ ނަމަ އެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުގެ އިހުތިޔާރު ލިބިގެންވޭ. އަޅުގަނޑުމެން އެ މައްސަލައެއް ރަނގަޅު ކުރާނަން. އަޅުގަނޑުމެން މަސައްކަތް ކުރަނީ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ނުގެނެސް ތަހުގީގު މަރުހަލާ ފުރިހަމަ ކުރެވޭތޯ،" ޝިޔާމް ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޖިނާއީ ކޯޓުގެ އިސް ގާޒީ ވިދާޅުވީ ތަހުގީގާއި ދައުވާ ކުރުމުގެ މަރުހަލާގައި "ނުރަނގަޅު" ކަންތައްތަކެއް ހިނގާ ކަމަށެވެ. އިސް ގާޒީ ވިދާޅުވީ އެއީވެސް ޖިނާއީ ބޮޑެތި މައްސަލަތައް ސާބިތުނުވުމުގެ އެއް ސަބަބު ކަމަށެވެ. ނަމަވެސް ވިދާޅުވީ އެއީ ކޮން ކަންތައްތަކެއް ކަން ސާފުކޮށް ދެންނެވެން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ