މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑްކުއާޓާޒާއި ސިފައިންގެ ސަރަހައްދު ރޭ ވެސް އޮތީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. އެހެން ރޭތަކާ ހިލާފަށް ޖުމްހޫރީ މައިދާނުގެ މެދުގައި ޝީލްޑާ އެކު ސިފައިންގެ ސަފުތައް ރުކުރުވާލާފައި އޮތުމުން ރެއަކީ އާދައިގެ ރެއަކަށް ނުވާނެކަން ކުރިން ވެސް އެނގުނެވެ. ކަންވެގެން ދިޔައީ ވެސް އެހެންނެވެ.
ސާބިތު ނުހިފޭ ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކޮށްފައިވާ ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރޭ ސަލާމަތީ ބާރުތަކުން ހައްޔަރުކުރި އިރު، އިދިކޮޅު ޕާޓީތަކުން ދިޔައީ ސަރުކާރާއި ފުލުހުންނާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ.
އިދިކޮޅު ޕާޓީތަކުން ރޭ 30: 8 ހާއިރު މުޒާހަރާ ފެށީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރިމަތީގަ އެވެ. އޭރު ފުލުހުންގެ އަމުރަށް ޑރ. ޖަމީލު ޕޮލިހަށް ހާޒިރުވި ނަމަވެސް، މުޅި ސަރަހައްދު ބަންދުކޮށްފައި އޮތުމުން، މުޒަހާރާގެ ބައިވެރިންނަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑްކުއާޓާޒާ ކައިރިއެއް ނުވެވުނެވެ. ޕީޕީއެމްގެ މެމްބަރުން އިސްވެ ހަރަކާތްތެރިވި މުޒާހަރާގައި، ފުލުހުން ގާނޫނު އަސާސީ އަށް ތަބާވުމަށާއި ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވުމަށް ގޮވިއެވެ. އަދި ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު ހަސަން އަފީފު އަދި ޕޮލިސް ކޮމިޝަނަރުގެ އިސްތިއުފާ އަށާއި އެ ބޭފުޅުން ހައްޔަރުކުރުމަށް ވެސް ގޮވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި މުޒާހަރާގައި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާނު ވިދާޅުވީ އެމްޑީޕީގެ ސަރުކާރަކީ ގާނޫނު އަސާސީއާ ހިލާފު ސަރުކާރެއް ކަމަށެވެ. އަދި ސިޔާސީ ބޭފުޅުން ހައްޔަރުކުރުން ހުއްޓާލުމަށާއި ފަނޑިޔާރުންނަށް ބިރުދެއްކުން ހުއްޓާލުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ރޭ ފުލުހުން ޑރ. ޖަމީލު ހައްޔަރުކުރުމާ އެކު މުޒާހަރާގެ ބައިވެރިންގެ ތެރެއަށް އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ރައީސް އޮފީސް ކައިރިން ވަދެގެން ގޮސް، ޝަހީދު ހުސައިން އާދަމް ބިލްޑިން ކައިރީ އަޑުއުފުލައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާއި ޑރ. ޖަމީލު ހައްޔަރުކުރުމަށް ގޮވި އެވެ. އެމްޑީޕީގެ އެކްޓިވިސްޓުން އެ ސަރަހައްދުން ދުރުކުރުމުން އެ މީހުން އިދިކޮޅު ޕާޓީތަކުގެ މުޒާހަރާގެ ތެރެއަށް ވަދެ ހަމަނުޖެހުން އުފައްދައި، ދެބައި މީހުންގެ މެދުގައި މާރާމާރީ ހިންގި އެވެ.
އިދިކޮޅު މެމްބަރުންގެ މުޒާހަރާގެ ތެރެއަށް ވަން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަޅި ގެންގުޅުނު ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން ބުނާއިރު، މުޒާހަރާ ލީޑުކުރަން ހުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ނާޒިމަށް މީހަކު ވަޅިން ހަމަލަ ދޭން އުޅުނު ކަމަށް ބުނެ އެ މައްސަލަ ރޭ ޕޮލިހަށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ އެ މައްސަލަ ވެސް ޕޮލިހަށް ހުށަހެޅުއްވި އެވެ.
ރޭގެ މުޒާހަރާގައި ނިހާނާއި ރިޔާޒާއި އަބްދުއްރަހީމުގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރާއި ސަރުކާރާ މެދު ސާބިތު ނުހިފޭ ވާހަކަ ދެއްކި ކަމަށް ތުހުމަތުކޮށްފައިވާ ގައުމީ ޕާޓީގެ ކައުންސިލް މެމްބަރު އަހްމަދު އިބްރާހިމް ދީދީ )ސަންދާނު އަހަންމައިދީ( ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މުޒާހަރާގެ ތެރެއަށް އެމްޑީޕީގެ އެކްޓިވިސްޓުން ވަދެ ހަމަނުޖެހުން ހިންގަން ފެށުމާއެކު، އެ ސަރަހައްދުން ބައެއް މީހުން ހައްޔަރުކޮށް، ޕެޕަ ސްޕްރޭ ޖަހައި މުޒާހަރާ ރޫޅައިލި އެވެ. އަދި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުން ގެންގޮސް ގޮސް، ވަޅޯ މަސް މާރުކޭޓާ ހަމައަށް ފަހަތަށް ޖެއްސި އެވެ. އެ ސަހަރައްދުގައި ތިބުމަށް ފަހު މުޒާހަރާގެ ބައިވެރިން މުލިއާގޭ ކައިރީގަ އާއި ހޯމް މިނިސްޓަރު އަފީފު ދިރިއުޅުއްވާ ގެ ކައިރި އަށާއި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ދިރިއުޅުއްވާގެ ކައިރަށް އަދި ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހު ދިރިއުޅުއްވާ ގެ ކައިރިއަށް އެއްވެ އަޑުއުފުލި އެ ބޭފުޅުންގެ އިސްތިއުފާ އަށް ގޮވި އެވެ. އަދި އެ ބޭފުޅުން ހައްޔަރުކުރުމަށް ސަލާމަތީ ބާރުތަކަށް ގޮވާލި އެވެ.
ހޯމް މިނިސްޓަރު އަފީފު ދިރިއުޅުއްވާ ގެ ކައިރިއަށް މުޒާހަރާގެ ބައިވެރިން ދިޔަ އިރު ޗާންދަނީ މަގުގައި ހުރި ގިނަ އަދަދެއްގެ ފެންފޯއް ރުއްތައް ބިންދައި ވައްޓާލި އެވެ.
ރޭގެ މުޒާހަރާގައި ޖުމުލަ އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި ނަމަވެސް އެ އެންމެން ރޭ ދޫކޮށްލި ކަމަށް ފުލުހުން ވިދާޅުވި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓުން ވެސް ހިމެނެ އެވެ. އަދި ރޭ އެމްއެމްއޭ ކައިރިން ފުލުހަކަށް އަނިޔާ ވެސް ވި އެވެ. ފުލުހަކަށް އަނިޔާވީ އެ ސަރަހައްދަށް އައިޖީއެމްއެޗްގެ އެމްބިއުލާންސެއް ވަނުމަށް ދިން ޖާގަ އާއެކު، ޕޮލިސްގެ ބެރިކޭޑުތައް "ފަޅާލައި" އެތެރެއަށް ވަނުމަށް މަސައްކަތް ކުރި އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުން މައިތިކުރުމުގެ ތެރޭގަ އެވެ.
ޕޮލިހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަނިޔާވި ޕޮލިހަށް ފަރުވާ ދިނުމަށް ފަހު ރޭ ހޮސްޕިޓަލުން ދޫކޮށްލި ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާ، ދަންވަމުން ދިޔަވަރަކަށް "ހުލިވަމުން" ގޮސް މުޅިން ނިމުނީ މެންދަމު 00: 2 ފަހުންނެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާއި ޑރ. ޖަމީލު ހައްޔަރުކުރުމުން މުޒާހަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ