ރިޔާސީ އިންތިހާބު 2008 ކުޅުދުއްފުށީގައި ތިބި އެހެން ރަށްރަށު މީހުންގެ ވޯޓު ލުން ހަވީރު ހަތަރަކަށް ފަސްކޮށްފި

ރިޔާސީ އިންތިހާބުގައި ހދ. ކުޅުދުއްފުށީގައި ވޯޓު ލާ އެހެން ރަށްރަށުގެ މީހުންގެ އަދަދަށް ވޯޓު ކަރުދާސް ލިބިފައި ނުވާތީ ފަސް ނަންބަރު ވޯޓު ފޮއްޓަށް ވޯޓު ލުން މިއަދު ހަތަރެއް ޖަހާ އިރަށް ފަސްކޮށްފި އެވެ.
މި ރަށުގެ ބަނދަރު މައްޗަށް ވާ ގޮތަށް ހުރި އަމީރު އަމީން ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓު ލުމަށްޓަކައި އެހެން ރަށްރަށުގެ 279 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އެކަމަކު އިލެކްޝަންސުން މި ކޮޅަށް ފޮނުވާފައި ވަނީ އެންމެ ހަތް ވޯޓު ކަރުދާސްކޮޅެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ އަންގަމުން ހަތަރެއް ޖަހާ އިރަށް ފަސްކުރި ވާހަކަ. އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް އެކެއް ޖަހަންވާ އިރަށް ކަރުދާސްތައް ލިބި ހަތަރެއް ޖަހާ އިރު ފަށަން،" އިލެކްޝަންސުގެ ފަރާތުން ކުޅުދުއްފުށީގައި ހުންނަވާ އެންމެ އިސް އޮފިޝަލް މުހައްމަދު ރިއްފަތު ސިދުގީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލިސްޓްގައި އޮތް ވަރަށް ވުރެ މަދުން ވޯޓު ކަރުދާސް ލިބުމުން، މި އަތޮޅުގެ އެހެން ރަށްރަށަށް ގުޅައިގެން އޮޅިގެން ވެސް އެއިން ތަނަކަށް އެ ކަރުދާސްތައް ފޮނުވިފައިވޭތޯ ބެއްލެވި ކަމަށެވެ.
"އެހެން އެއްވެސް ރަށަކު ނެތް އެ މައްސަލައެއް. މި ރަށަށް ފޮނުވަން ޖެހޭ ކަރުދާސްތައް އެހެން ރަށަކަށް ފޮނުވިފައެއް ވެސް ނެތް،" ރިއްފަތު ވިދާޅުވި އެވެ.
އިލެކްޝަންސުން މިހާރު ވަނީ މި ރަށުގައި ރަޖިސްޓްރީކޮށްފައިވާ އެހެން ރަށްރަށުގެ މީހުންނަށް ބޭނުންވާ ވޯޓު ކަރުދާސްތައް ލޯންޗެއްގައި ފުރުވާލާފައި ކަމަށް ވެ އެވެ.
"އަޅުގަނޑުމެން މި ބަލަނީ އަށެއް ޖަހާ އިރު ލޯންޗު ނައްޓާލައިފިއްޔާ ގާތްގަނޑަކަށް އެކެއް ޖަހާ އިރު ފޯރާނެ ކަމަށް،" ރިއްފަތު ވިދާޅުވި އެވެ. "އޭގެ ތެރެއަށް ދެ ތިން ގަޑި އިރު ލާފައި ހަތަރެއް ޖަހާ އިރަށް ފެށޭނެ ކަމަށް މި ބަލަނީ."
މާލެއިން އުތުރުގައި އޮތް އެންމެ އާބާދީ ބޮޑު ރަށުގެ ރައްޔިތުން ހަތަރު ފޮއްޓަކަށް ވޯޓު ލަ އެވެ. އެއިން ކޮންމެ ފޮއްޓެއް ކައިރީގައި ހެނދުނު ނުވައެއް ޖެހުމުގެ ކުރިން ކިއޫ ޖައްސަން ފެށި އެވެ. މިރަށުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 5،000 އަށް ވުރެ ގިނަ އެވެ. އޭގެ ތެރެއިން އެހެން ރަށްރަށަށް ވޯޓު ލާ މީހުން ކެނޑުމަށް ފަހު މިއަދު މި ރަށުގައި ވޯޓު ލާނެ މީހުންގެ އަދަދު އުޅެނީ 4،400 އަށް ވުރެ މަތީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ