ރާއްޖޭގައި ފުރަތަމަ ފަހަރަށް އާތު އަވާ ފާހަގަކޮށް، ތިން މެގަވޮޓްގެ ކަރަންޓު ސަލާމަތް ކޮށްފި

ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އާތު އަވާ ފާހަގަކޮށް، އެއްގަޑިއިރުގެ ތެރޭގައި ތިން މެގަވޮޓްގެ ކަރަންޓު ސަލާމަތް ކޮށްފި އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި ރިސޯޓުތަކުގައި މިރޭ 30: 8 ން 30: 9 އަށް އާތު އަވާ ފާހަގަ ކުރީ ކަރަންޓުން ކޮންމެހެން ކުރަންނުޖެހޭ ކަންތައްތައް ނުކޮށް، ކަރަންޓު ބޭނުންކުރާ މިންވަރު މަދުކޮށްގެންނެވެ.
ސްކައުޓު އެސޯސިއޭޝަނުން އިސްނަގައިގެން އާތު އަވާ ފާހަގަ ކުރުމަށް މާލޭ ހެދިގޮނޑުދޮށް ސަރަހައްދުގައި ބޭއްވި ރަސްމީ ހަފްލާގައި އާތު އަވާއަށް ފަހު ސްޓެލްކޯއިން އިއުލާން ކުރިގޮތުގައި އެ އެއްގަޑިއިރުގެ ތެރޭގައި ކަރަންޓު ބޭނުންކުރި މިންވަރު ވަނީ 26،000 ކިލޯވޮޓުން 23،000 ކިލޯ ވޮޓަށް ދަށްވެފަ އެވެ.
ސްޓެލްކޯގެ އިންޖިނިއަރު އިބްރާހީމް ރައޫފު ވިދާޅުވީ އޭގެ ސަބަބުން، 810 ލިޓަރުގެ ޑީސަލް ސަލާމަތްވެ، އެ ތެޔޮ އަންދައިގެން ބޭރުވާން ހުރި 1.5 ޓަނުގެ ވިހަ ކާބަންޑައިއޮކްސައިޑު ގޭހުން ޖައްވު ސަލާމަތްވެފައިވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް ބޮޑު ކުރިއެރުމެކޭ،" އާތު އަވާ ފާހަގަ ކުރުމަށް އެއްވެ ތިބި މީހުންނާ ވާހަކަ ދައްކަވަމުން ރައޫފު ވިދާޅުވި އެވެ. "އަދި އަޅުގަނޑު ދަންނަވާލަން ބޭނުން މިވަގުތު ސްޓެލްކޯގެ ކެޕޭސިޓީ ހުރިގޮތުން އަޅުގަނޑުމެންގެ ޕީކް ގަޑިތަކުގައި ވީވަރަކުން ކަރަންޓު ވީހާ ވެސް މަދުން ބޭނުން ކުރެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކޭ."
އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) އެ ހަފްލާގައި ވިދާޅުވީ އާތު އަވާގައި ހޯދުނީ ވަރަށް ރަނގަޅު ކާމިޔާބީއެއް ކަމަށެވެ.
"އެއްގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކޮށްފިއްޔާ މިއަށްވުރެވެސް ބޮޑު ކާމިޔާބީއެއް ހޯދިދާނެ،" މީމުޒަވިޔަނި ވިދާޅުވިއެވެ. "އަޅުގަނޑުމެން އާދަ ކުރަންވީ އަޅުގަނޑުމެން ކޮންމެހެން ބޭނުން ނުކުރާ އެއްޗެހި އަބަދުވެސް ނިއްވާލާފައި ބެހެއްޓުމަށް."
އާތު އަވާއާއި ގުޅުވައިގެން، ސަރުކާރުން ވަނީ މިއަދު ހަވީރު 00: 4 ން މިރޭ މެންދަމު 00: 12 އަށް މުޅި ރާއްޖޭގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފަ އެވެ. އެ އަށް ގަޑިއިރަކީ ހިނގާފައި އުޅޭ ވަގުތެއް ކަމަށް ހަމަޖެއްސީ ޖައްވަށް ބޭރު ކުރާ ވިހަ ގޭސް މަދު ކުރުމަށާއި މަގުމަތި އަމާން ތަނަކަށް ހެދުމުގެ މަގުސަދުގައި ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ފައިމަގުގައި އުޅޭ ވަގުތު ފެށީ ސްކައުޓުންގެ ހިނގާލުމަކުންނެވެ.
ހެދިގޮނޑުދޮށުގައި ވާހަކަ ދައްކަވަމުން މީމުޒަވިޔަނި ވިދާޅުވީ ފައިމަގުގައި އުޅޭ ވަގުތުގައި އާއްމުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބެމުން ނުދާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ހަވީރު ބޭއްވި ހިނގާލުމުގައި ބައިވެރިވި ސްކައުޓުންގެ ބެލެނިވެރިން އެ ހިނގާލުމަށް ފަހު ކުދިން ގޮވައިގެން ދިޔައީ ސައިކަލުގަ އެވެ. އަދި ހިނގާފައި އުޅޭ ވވަގުތު ފާހަގަ ކުރަމުންދާއިރު ޒުވާނުންގެ އަމަލުތައް ހުރީ ވަރަށް ގޯސްކޮށް ކަމަށް ވެސް މީމުޒަވިޔަނި ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޒުވާން ޖީލު އަހުލާގީ ގޮތުން ވަރަށް ދަށަށް ގޮސްފައި އޮތްކަން މިރޭ މަގުތައް ބަލާލީމާ އަޅުގަނޑުމެންނަށް ފެންނާނެ،" އޭނާ ވިދާޅުވި އެވެ. "މިރޭ މި ފެންނަނީ ސިފައިންނާއި ފުލުހުން ތިއްބާ މަގުމަތީގައި ގަވާއިދާ ހިލާފަށް ބައިސްކަލްތަކާއި ސައިކަލްތައް ދުއްވާތަން. މިއީ ވަރަށް ހިތާމަ ހުރި ކަމެއް."
މިއަހަރުގެ އާތު އަވާ ރާއްޖޭގައި ރަސްމީގޮތުން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. ރިޔާސީ ގަނޑުވަރު މުލީއާގޭގައި ހުންނަވައިގެން މިރޭ 27: 8 ހާއިރު ޓީވީ މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އާތު އަވާގައި ކަރަންޓު ބޭނުން ކުރާ މިންވަރު މަދުކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ. އެއަށް ފަހު، 30: 8 ވުމުގެ ސިކުންތު ކޮޅެއް ކުރިން މުލީއާގޭގެ ސުވިޗުތައް ރައީސް އޯފްކޮށްލެއްވި އެވެ.
އާތު އަވާ ފާހަގަ ކުރުމަށް ހެދިގޮނޑުދޮށް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބޮޑުބެރާއި ލަވަޔާއި ނެށުމުގެ ހަރަކާތްތައް ބެލުމަށް ވަރަށް ގިނަ މީހުން ދިޔަ އެވެ.
އާތު އަވާގެ ހަރަކާތްތައް އަތޮޅުތެރޭގައި ވެސް ވަރަށް ފޯރިއާއެކު ކުރިއަށް އެބަގެންދާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ.
ވޯލްޑް ވައިލްޑްލައިފް ފަންޑުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އާތު އަވާ ކެމްޕެއިން ރާއްޖޭގައި އިންތިޒާމް ކުރި ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން މިރޭ ވާހަކަ ދައްކަވަމުން ސްކައުޓް ޗީފް ކޮމިޝަނަރ އަހުމަދު އަލީ މަނިކު ވަނީ އާތު އަވާއަށް އެއްބާރުލުން ދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
32: 9
ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އާތު އަވާ ފާހަގަ ކޮށްފި އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި ރިސޯޓުތަކުގައި މިރޭ 30: 8 ން 30: 9 އަށް އާތު އަވާ ފާހަގަ ކުރީ ކަރަންޓުން ކޮންމެހެން ކުރަންނުޖެހޭ ކަންތައްތައް ނުކޮށް، ކަރަންޓު ބޭނުންކުރާ މިންވަރު މަދުކޮށްގެންނެވެ.
ތަފްސީލް އަންނަނީ...
50: 4
މި އަހަރުގެ އާތު އަވާ ފާހަގަކުރުމަށް ރާއްޖޭގައި ހިންގާ ޕްރޮގްރާމާ ގުޅުވައިގެން ފައިމަގުގައި އުޅުމަށް ހަމަޖައްސާފައިވާ ވަގުތު މުޅި ރާއްޖޭގައި ފެށިގެން ކުރިއަށް އެބަދެއެވެ.
ހަވީރު 00: 4 ގައި ފެށި ވަގުތު މިރޭ މެންދަމު 00: 12 ށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.
ފައިމަގުގައި އުޅޭ އަށް ގަޑި އިރުގެ ފޮޓޯތައް ހަވީރު އޮންލައިނަށް ފޮނުއްވުމަށް 2323 އަށް އެމްއެމްއެސް ކުރެއްވުން އެދެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ