ޑީއާރްޕީގެ ތެރޭގައި މިހާރު އުޅެނީ ވެރިކަމުގެ ކޯޅުމެއް: އަލީ ވަހީދު

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރްޕީގެ ހަތަރު ނައިބު ލީޑަރުންގެ ތެރެއިން ދެ ނާއިބު ލީޑަރަކާއި ޕާޓީގެ ޒައާމަތާ ދެމެދު އުފެދިފައިވާ އަރާރުންތަކަކީ ވެރިކަމުގެ ކޯޅުންތަކެއް ކަމަށް އެ ޕާޓީގެ އެއް ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ސިފަކުރައްވައިފި އެވެ.
"ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ބުރާސްފަތިދުވަހު އަލީ ވަހީދު ވިދާޅުވީ ޕާޓީގެ ލީޑަޝިޕްގެ ތެރޭގައި އޮތް ދެބަސްވުންތަކަކީ ހަމައެކަނި މިދިޔަ ހަފުތާގައި ބާއްވަން އުޅުނު މުޒާހަރާއަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި އެއަށް ވުރެ މާ ފުނަށް މޫ ލާފައިވާ ކަމެއް ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ލެޓާ ހެޑަކާއި މުޒާހަރާއަކާ ގުޅުމެއް އޮތް ކަމެއް ކަމަކަށް އަލީ ވަހީދު ގަބޫލެއް ނުކުރަމޭ. މިއީ ހަގީގަތުގައި ޕަވާ ސްޓްރަގްލް ]ވެރިކަން ހޯދުމަށް ކޯޅޭ ކޯޅުމެއް[ އެއް. ބާރު ހޯދުމަށް ކުރާ ހަނގުރާމައެއްގެ ކަންތައް މި ދަނީ،" ޑީއާރްޕީގެ ނާއިބު ލީޑަރުން ކަމަށްވާ އުމަރު ނަސީރާއި އިލްހާމް އަހްމަދު އިސްވެ ތިއްބަވައިގެން ސަރުކާރާ ދެކޮޅަށް ޑީއާރްޕީގެ ނަމުގައި ކުރަން ރާވާފައިވާ މުޒާހަރާ އާއި އެ ދެ ބޭފުޅުން ޕާޓީގެ ލެޓާހެޑް ބޭނުންކުރައްވައިގެން ކަންތައްތަކެއް ކުރައްވާ ވާހަކައާ ބެހޭ ގޮތުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރްޕީގެ އިސް ލީޑަރުންގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ރިއާސީ ކެންޑިޑޭޓުގެ މަގާމުގައި ތަސްމީން ހުންނެވުމުން ކަމަށެވެ. އަދި ތަސްމީނާ ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުންގެ އަމާޒަކީ، ރިއާސީ ކެންޑިޑޭޓް ކަމުން ތަސްމީން ދުރުކޮށް އެ ބޭފުޅުން ބޭނުންވާ މީހަކު ރިއާސީ ކެންޑިޑޭޓަކަށް ހެދުން ކަމަށެވެ. އެހެން ނަމަވެސް ތަސްމީންގެ ބަދަލުގައި ރިއާސީ ކެންޑިޑޭޓަކަށް ހަދަން ބޭނުންވާ މީހަކީ ކޮބައިކަމެއް އަލީ ވަހީދު ވިދާޅެއްނުވެ އެވެ.
"ބައެއް ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅޭ ރައީސް މައުމޫން އަދި ވެރިކަމަށް ވަޑައިގެންފާނެ ކަމަށް ވެސް ގަބޫލުކުރައްވާ. އަނެއް ބަޔަކު އެބަ އުޅުއްވާ، ]ތަސްމީންގެ ބަދަލުގައި[ އަބްދުﷲ ޔާމީނަށް، ފަހު ވަގުތުގައި މައުމޫން ތާއީދުކުރައްވާނެ ކަމަށް ގަބޫލުކުރައްވާ. އަނެއް ބަޔަކު އެބަ އުޅޭ، 30 އަހަރުގެ ވެރިކަން ނިންމަވާފައި ތަސްމީނަށް އިނގިލި ދިއްކުރައްވައި ތަސްމީން ކުރިއަށް ނެރުއްވައި އޭނާއާ ޕާޓީގެ ވެރިކަން ހަވާލުކޮށްދެއްވީތީ ދެން ވެރިކަމަށް ވަޑައިގަންނަވާނީ ތަސްމީން ކަމަށް ގަބޫލުކުރައްވާ ބައެއް ވެސް."
އަލީ ވިދާޅުވީ ރިއާސީ ކެންޑިޑޭޓަކަށް ވާނެ ބޭފުޅަކާ މެދު ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި އެއްވެސް އޮޅުމެއް އޮވެގެންނުވާނެ ކަމަށެވެ.
"އެކަމަކު އަބްދުﷲ ޔާމީނަކީ އަޅުގަނޑު ވަރަށް އިހުތިރާމްކުރާ އަދި ގަދަރު ވެސް ކުރާ ބޭފުޅެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުންނަށް މި ސަރުކާރު ބަދަލުކުރެވޭނީ، އަޅުގަނޑުމެން އެކަތިގަނޑަކަށްވެ އެންމެ ލީޑަރެއް ގޮވައިގެން ނުކުމެ. އެހެންވީމާ އަޅުގަނޑުމެން ވެރިކަމުގެ އަރާރުމުގައި މި ގައުމު ނަގާލެވޭކަށް ނެތް. އަޅުގަނޑުމެން އެ ކަމަށް ޖާގައެއް ނުދޭނަން. ޑީއާރްޕީގެ ލީޑަޝިޕްގައި ހުރި މީހަކާ އެއްކޮށް ކުރިއަށް ދެވޭނީ. އިއްޔެ ]ބުދަ ދުވަހު[ އަޅުގަނޑުމެންނަށް އެނގިއްޖެ ޑީއާރްޕީގެ ލީޑަރަށް ފުރިހަމަ އިތުބާރު އޮތްކަން."
އޭނާ ވިދާޅުވީ ބުދަ ދުވަހު އޮތް އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ދެ ފަރާތުގެ މެދުގައި ބަހުސް ހޫނުވެ ޕާޓީގެ ލީޑަރުގެ އިތުބާރާ މެދު ވެސް ބައެއް މެމްބަރުން ސުވާލު އުފެއްދެވި ކަމަށެވެ. އަދި އެ ގޮތަށް ސުވާލު އުފެއްދުމާ ގުޅިގެން، ކައުންސިލްގެ މެމްބަރުންގެ މެދުގައި ތާއީދު ނެތް ނަމަ، ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ތަސްމީން ވިދާޅުވި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ތަސްމީނާ މެދު އިތުބާރު އޮތްތޯ ބެލުމުގެ ވޯޓެއް ނެގުމަށް އަލީ ވަހީދު ހުށަހަޅުއްވައި، މަތިވެރި ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ތާއީދުކުރެއްވުމުން ނެގި ވޯޓުގައި ހާޒިރުވެ ތިއްބެވި 26 މެންބަރުން ވެސް، ތަސްމީނުގެ އިތުބާރު އޮތް ކަމަށް ވޯޓު ދެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
"އެ ވޯޓުގައި ވެސް އޭރު ތިއްބެވި 26 މެންބަރުން އިއްތިފާގުވި ތަސްމީންގެ އިތުބާރު އެބަ އޮތް ކަމަށް. އެ ވޯޓު ނެގި އިރު ނެތީ އުމަރާއި އިލްހާމް އެކަނި. މައުމޫންގެ ދެ ބޭފުޅުން ވެސް ތިއްބެވި. އެ ހުރިހާ ބޭފުޅުން ވެސް ވޯޓު ދެއްވި ތަސްމީންގެ މައްޗަށް އިތުބާރު އެބަ އޮތް ކަމަށް. ތަސްމީން، ސަރުކާރާ އެކު ޑީލް ހައްދަވަނީ ކަމަށް ވިދާޅުވާ ބޭފުޅުން ވެސް ތަސްމީނަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވި،" އަލީ ވަހީދު ވިދާޅުވި އެވެ. "މި ދަނޑިވަޅުގައި ޕްރެޒިޑެންޝަލް މެޓީރިއަލް އަށް ތިބީ ތަސްމީނާއި ]މަޖިލީހުގެ ރައީސް އަބްދުﷲ[ ޝާހިދު. އެ ދެ ބޭފުޅުންގެ އަގު ވަކި ބަޔަކު ވައްޓާލަމުން ދަނީ ވަކި އެޖެންޑާއެއްގެ ދަށުން. ޑީލަރަކަށް ހަދާފައި އިހުލާސްތެރި ނޫން މީހަކަށް ތަސްމީން ހަދާފައި ދެން އަނެއްކާ މި ބުނަނީ ތަސްމީނާ އެއްކޮށޭ އަހަރުމެން މި ތިބީ. މި ހިސާބަށް ދިޔައިމާ އަޅުގަނޑުމެން ކަންބޮޑުވޭ."
އަލީ ވަހީދު ވިދާޅުވީ ވެރިކަންކުރާ އެމްޑީޕީއާ އެކު މަޝްވަރާކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ކުރުމަކީ "ޑީލެއް" ހެދުން ކަމަށް ވާހަކަ ދައްކަނީ ޕާޓީ "ފުނޑާލަން" ބޭނުންވާ ބައެއް ކަމަށެވެ. އަދި އެމްޑީޕީއާ އެކު މަޝްވަރާކުރަނީ، ކައުންސިލުގެ ފުރިހަމަ ރުހުމާ އެކުގައި ކަމަށާއި ލޯކަލް އިންތިހާބުގެ މައްސަލައިގައި ވެސް ސަރުކާރާ އެކު މަޝްވަރާކުރަން ފެށީ، ޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންނަށް ގުޅައި އެއްވެސް ބޭފުޅެއްގެ އިއުތިރާޒެއް ނެތުމުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބައެއް މީހުންނަށް މި ވާ ގޮތަކީ ޑިޕްލޮމެސީ ގަބޫލުނުކުރެވެނީ. އަޅުގަނޑުމެން މީހަކާ ވާހަކަ ދެއްކީމާ މިވަނީ ޑީލަރަކަށް. އެކަމަކު މިހާރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން އަޅުގަނޑުމެންނަކަށް ނެތް ރުންކުރުކަމާއި ގަދަ ބަސްބުނުމަކުން ގައުމަކަށް ފައިދާއެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ޕާޓީގެ ތެރޭގައި އޮތް ދެބަސްވުންތަކުގެ ސަބަބުން ޕާޓީ އަށް ހިންދެމިލެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ކަންތަކުގެ އަޑީގައި ހުރީ ސީދާ މިވެނި ބޭފުޅެއް ކަން ބުނަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ މިހާރުގެ އަރާރުންތަކުގެ ނަތީޖާ ނުކުމެދާނެ ގޮތަކާ މެދު ކަންބޮޑުވާ ކަމަށާއި މި އަރާރުންތަކުގެ ހުރިހާ ފައިދާއެއް އޮތީ ސަރުކާރަށް ކަމަށެވެ. އަދި އެ އަރާރުންތައް އިތުރަށް ގޯސްވަމުން ދަނީ، ރައީސް ނަޝީދު ތަކުރާރުކޮށް ތަސްމީނަށް ތައުރީފުކުރައްވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ތައުރީފްތަކުގެ މަގްސަދަކީ، ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީއާ އެކުގައި ކޯލިޝަން ހަދައިގެން ތަސްމީން އުޅުއްވާތީ އެ ކޯލިޝަން ރޫޅާލައި ޑީއާރްޕީ ބައިބައިކޮށްލުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީގެ ތެރޭގައި ދެބަސްވުންތަކާއި އަރާރުންތައް އޮވެގެން ސަރުކާރަކާ ދެކޮޅަށް ވެސް އަދި ޕާޓީއަކާ ދެކޮޅަށް ވެސް ވާދަވެރި އިންތިހާބެއްގައި ޑީއާރްޕީ އަށް ކާމިޔާބެއް ނުހޯދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ