ގަލޮޅު ދެކުނު ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 85 ޕަސަންޓު މީހުން ވޯޓުލާން ނިކުންނާނެ ކަމަށް ބެލެވޭއިރު 70 ޕަސަންޓު ވޯޓާއިއެކު އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް އެދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އިބްރާހިމް ސުޖާއު ވިދާޅުވެއްޖެ އެވެ.
އެމްވީޔޫތު އޮންލައިނަށް މިއަދު މައުލޫމާތުދެއްވަމުން ސުޖާއު ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންނާއި އަމިއްލަފުޅަށް ބައްދަލުކުރައްވާ ވާހަކަދެއްކެވުނުއިރު އެމީހުންގެ އިހްސާސްތައް ދަނެގެނެވިފައިވާ ކަމަށާއި އެހެންކަމުން ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ ތެރެއިން މަޖުބޫރީ ހާލަތަކާއި ނުލާ 70 ޕަސަންޓު މީހުން އޭނާއަށް ވޯޓުދެއްވާނެ ކަން ޔަގީންކުރައްވާ ކަމަށެވެ.
އަދި ކެމްޕެއިން ނިންމާލެވޭއިރު ކެމްޕެއިންގައި ކުރަން ބޭނުންވި ކަންތައްތައް ހާސިލްވެފައިވާ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.
"މުޅި ޖުމްލަ 85 ޕަސަންޓު ވޯޓުލާން ނެރެވޭނެ ކަމަށް ގަބޫލުކުރެވެނީ، އޭގެތެރެއިން ބަރާބަރު 70 ޕަސަންޓު މީހުންނާއި ބައްދަލުކުރެވުނުއިރު އެމީހުން ވަނީ އަޅުގަނޑުމެންނަށް އާނ ބަސް ބުނެފަ. އެހެންކަމުން ބޮޑު ތަފާތަކުން މި ގޮނޑި ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް." ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު މަހްލޫފަށް ލިބިވަޑައިގެންނެވި ވޯޓުތައް މިފަހަރު ސުޖާއު އަށް ލިބޭނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށާއި އެ ވޯޓުތައް މިފަހަރު ސުޖާއުއަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ
60 ޕަސަންޓުން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް މަހްލޫފް ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވާ ސުޖާއު ވިދާޅުވީ "އަޅުގަނޑުމެންގެ ހިސާބުތަކުން އެގޮތަށް" ނުދައްކާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށާއި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ބެލި ކަމުގައިވިޔަސް ގަލޮޅު ދެކުނު ދާއިރާގައި އޮތީ އެމްޑީޕީ ފިކުރު ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޖާއު ވަނީ ސަރުކާރު ޒިންމާދާރުކުރުމަށާއި ދާއިރާގައި ނޭޅި އޮތް މިސްކިތް އެޅުމަށާއި ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދުމަށް މާދަމާ އޭނާއަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
70 ޕަސަންޓުން ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރާނަން - ސުޖާއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ