އެފްއޭއެމްއިން ވީބީއަށް އަދަބު ދިނުމުން ތިން ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ

މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވީބީ އާއި ޓީސީ ސްޕޯޓްސް ކުޅުނު މެޗު ހިނގަމުން ދަނިކޮށް ވީބީ ކުޅުންތެރިން ދަނޑުން ފޭބި މައްސަލައިގައި އެ ކްލަބް އަތުން ޕޮއިންޓެއް އުނިކުރުމުގެ އަދަބާއެކު ތިން ވަނަ ޑިވިޝަނަށް ވީބީ ރެލިގޭޓްވެއްޖެ އެވެ.
އެދުވަހު މެޗު ހިނގަމުން ދަނިކޮށް ވީބީ ކުޅުންތެރިން ދަނޑުން ފޭބީ އެ ޓީމުގެ ޝަހުދަށް ރެފްރީ ދެއްކި ރަތްކާޑާ މެދު ހިތްހަމަނުޖެހިގެންނެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް، ރެފްރީއާ ބޭއަދަބީ ބަހުން މުއާމަލާތް ކުރުމުންނެވެ.
ވީބީއަށް އަދަބު ދީފައި ވަނީ، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 26 ވަނަ މާއްދާއާއި ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 56، ގެ 2އާއި ހަވާލާދީ 12ވަނަ މާއްދާގެ އެޗްގެ ދަށުން ކަމަށް އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމުމާ އެކު، ކުރިން ދެ ވަނަ ޑިވިޝަނުގެ ތާވަލުގެ ފުލުގައި އޮވެ ތިން ވަނަ ޑިވިޝަނަށް ރެލިގޭޓްވި ވިޔަންސާ އަށް ވަނީ އޮޓަމެޓިކުން ދެ ވަނަ ޑިވިޝަނުން ފުރުސަތު ލިބިފަ އެވެ.
މީގެ އިތުރުން އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޑިސިޕްލިނަރީ ކޮމިޓީން ވީބީ 5000ރ. އިން ޖޫރިމަނާކޮށްފައިވާ ކަަމަށާއި އަދި އެ ފައިސާ އެއް މަސް ދުވަސްތެރޭ ދައްކަން ޖެހޭ ކަމަށެވެ. އަދި އެޓީމުގެ އިސްމާއިލް ޝަހުދު އަލީ ކުޅިވަރުގެ ރޫހާ ހިލާފު ވެފައިވާތީ އޭނާ ހަތަރު މެޗަށް ސަސްޕެންޑްކޮށް 1000ރ. އިން ޖޫރިމަނާކޮށްފައި ވާކަމަށް ވެސް އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ