ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޒީ ގއ. މާމެންދޫ، ރަތްމަސްގެ، މުހުތާޒު މުހުސިން ހިމެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ (ޓީވީމުއާ) ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 23 އަށް ނަން ހުށަހެޅުމަށް ދިން ދެދުވަހުގެ މުއްދަތުގެ ތެރޭގައި ފަސް ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ.
މި ފަސް ބޭފުޅުންނަކީ މުހުތާޒްގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މ. ވައިނުޖެހޭގޭ މަރިޔަމް ޒުލްފާ އާއި ޑެޕިއުޓީ ޕީޖީގެ މަގާމުގައި މިހާރު ހުންނެވި، ހ. ހިޔާކަން، ހުސެން ޝަމީމާއި ޕީޖީގެ އިސް ވަކީލެއް ކަމަށްވާ ދަފްތަރު 5514 އައިޝަތު ފަޒްނާ އަހުމަދު އަދި މއ. ބިންމާވިލާ އިސްމާއިލް ވަހީދެވެ.
މުހުތާޒަކީ މަރުގެ މައްސަލަތަކާއި ނުރައްކާތެރި ކުށްވެރިނާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ ބޮޑެތި މާރާމާރީތަކުގެ މައްސަލަތަކުގެ ޝަރީއަތް ވަރަށް އަވަހަށް ނިންމަވާ ބޭފުޅެކެވެ. އަދި މަޖިލީހުން ދިރާސާ ކުރާ ޖިނާއީ އިޖުރާއަތުގެ ބިލާއި ހެއްކާ ބެހޭ ބިލަށް އޭނާ ލަފާ ވެސް ދެއްވި އެވެ.
މިފަހަރު ވެސް ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރޭގައި ކުރިން ވެސް އެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކެއް ހިމެނެ އެވެ.
ޕީޖީ ކަމުގެ މަގާމުން މުހައްމަދު މުއިއްޒު އިސްތިއުފާދެއްވުމާއި ގުޅިގެން އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމީން މަޖިލީހަށް ފޮނުއްވީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދުގެ ނަންފުޅެވެ.
ނަމަވެސް މިދިޔަ ހަފްތާގައި މަޖިލީހުން ނެގި ވޯޓުން މައުމޫން ހަމީދު ޕީޖީ ކަމަށް އައްޔަން ކުރުމަށް ފާހެއް ނުވެ އެވެ.
މުއާޒް ވިދާޅުވީ ޕީޖީގެ މަގާމު ހުސްކޮށް އޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"މިކަމަކީ ލަސްވެގެންދާ ކަމެއްގެ ގޮތުގައި އޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް، އެހެންވެ ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި ނަންތައް ދިރާސާކޮށް މަޖިލީހަށް ފޮނުވޭނެ." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަންތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ވެސް ރައީސް އޮތީހުން ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ