ބްރޯޑްކޮމްގެ މެމްބަރު ޒޭނާ މިރޭ ވެސް ރައީސް ޔާމިންގެ ޖަލްސާގައި އަވަދިނެތި!

ރައީސް އަބްދުﷲ ޔާމިން އާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ، އުމުރުން ދުވަސްވީ މީހުންނާ މިރޭ ބައްދަލުކުރެއްވުމަށް ބޭއްވި ހަރަކާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ފާތިމަތު ޒޭނާ އިސްކޮން އުޅުއްވަނިކޮށް ފެނިއްޖެ އެވެ.
 
ރަސްފަންނުގައި ކުރިއަށްދިޔަ ހަރަކާތް ކަވަރު ކުރުމަށް ރާއްޖެޓީވީން އެތަނަށް ދިޔައިރު ޒޭނާ އުޅުއްވީ އެތަނުގައި ހުރި މޭޒުތަކުގައި ނަމްބަރުތައް ތަރުތީބުކުރެއްވުމުގައެވެ. އަދި އެތަނުގައި ހުރި މޭޒުތަކާ ގޮނޑިތަކުގެ ތަރުތީބު ކިޔާދިނުމަށް އިސްކޮށް އުޅުއްވަނިކޮށް ރާއްޖެޓީވީން އެ މަންޒަރު ކެމެރާކޮށްފައި ވެއެވެ. އަދި ރާއްޖެޓީވީން އެ މަންޒަރު ނަގަން ފެށުމުން ކެމެރާއަށް ފިލަން މަސައްކަތްކުރެއްވި އެވެ. އެގޮތުން އެތަނުގައި ތިބި އެހެން މީހުންގެ ފަހަތައް ވަދެވަޑައިގެން ފިއްލަވަން މަސައްކަތްކުރެއްވިއެވެ.
ޒޭނާ އެތަނުގައި އުޅުއްވާ ވީޑިއޯ ނެގުމުގެ އިތުރުން ރާއްޖެޓީވީގެ ރިޕޯޓަރު އޭނާ ކައިރިއަށް ގޮސް އެއީ ހަމަ ޒޭނާތޯ ޔަގީންކުރި އެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން، އެތަނުގައި ހިނގާ އެއްވެސް ކަމެއް ވީޑިއޯ ނުކުރެވޭނެ ކަމަށް ބުނެ އެތަނުގައި ހުރި މީހަކު ރާއްޖެ ޓީވީގެ ކެމެރާމަނަށް އިންޒާރު ދިނެވެ. އަދި ވީޑިއޯ ނެގުން މަނާ ކުރަނީ އިންތިޒާމް ކުރާ ފަރާތުން ކަމަށް ބުނުމުން އެއީ ކޮން ފަރާތެއްކަން ހޯދުމަށް ރާއްޖެޓީވީގެ ރިޕޯޓަރު އެމީހާއާ ސުވާލުކުރިއެވެ. އެމީހާ އެކަން އޮޅުން ފިލުވުމަށް ފަހު އެނބުރި އައިސް ބުނީ އެގޮތަށް އެންގީ އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވަޑައިގެންނެވި މިހާރު ޕީޕީއެމްގެ މެންބަރު ޔާމީން ރަޝީދު ކަމަށެވެ. 
ބްރޯޑްކޮމް އިން ވަނީ ރާއްޖެޓީވީ ފަސް ލައްކަ އިން ޖޫރިމަނާ ކޮށްފައިވާކަން އާދިއްތަ ދުވަހު އަންގާފަ އެވެ. އަދި ރާއްޖެޓީވީ ޖޫރިމަނާ ކުރުމަށް ވޯޓު ދިން މެމްބަރުންގެ ތެރޭގައި ޒޭނާ ވެސް ހިމެނެ އެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒޭނާ ކޮމިޝަންގެ މެންބަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން އުޅުއްވީ ރައީސްގެ އަނބިކަނބަލުންގެ އޮފީހުގެ ކަންކަން އިންތިޒާމުކުރުމުގައެވެ. އަދި ޕީޕީއެމްގެ ކޮންގްރެސްގައި ވެސް އިންތިޒާމުތަކުގައި އިސްކޮށް އުޅުއްވިއެވެ.
ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީންގެ ކެމްޕެއިންގެ އިންތިޒާމުތަކުގައި މިހާރު ވެސް ޒޭނާ އުޅުއްވައެވެ.
ބްރޯޑްކޮމް އިން އެއްވެސް ހަމައެއް ނެތި ރާއްޖެޓީވީ ޖޫރިމަނާ ކުރަނީ ޕީޕީއެމް އިން ބޭނުންވާ ގޮތަށް ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ. ނަމަވެސް އެ ކޮމިޝަނުން ބުނަމުންދަނީ އެ ކޮމިޝަނުގެ މެމްބަރުންނަނީ މިނިވަން ބައެއް ކަމަށެވެ. ނަމަވެސް ޒޭނާގެ އިތުރުން ވެސް ޕީޕީއެމްގެ ހަރަކާތްތައް ހިންގާ އޮފީސްތަކަށް ކޮމިޝަންގެ މެންބަރުން ވަދެނިކުމެ އުޅޭ މަންޒަރު މީގެ ކުރިން ވެސް ވަނީ ފެނިފައެވެ. މިފަދަ ސަބަބުތަކާއި އަދި ފިޔަވަޅު އެޅުމުގައި ގެންގުޅޭ ބޭއިންސާފު ގޮތްތަކުގެ ސަބަބުން ބްރޮޑްކޮމްގެ މިނިވަންކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ