މިއަދު ވަލިއްޔުލް އަމުރަކީ ގާނޫނު އަސާސީ: މައުމޫން

"ވަލިއްޔުލް އަމްރު"އަކީ ވެރީންގެ ޒިންމާތަކާއި ވާޖިބުތައް ކަނޑައެޅިފައި ނެތް ޒަމާނެއްގައި ހުންނަ އިސްވެރިޔާއަށް ކިޔާ ނަމެއް ކަމަށާއި، މިއަދުގެ ވަލިއްޔުލް އަމްރަކީ ގާނޫނު އަސާސީ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އިދިކޮޅު ފަރާތްތަކުން ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އޮންނާނީ ގާނޫނު އަސާސީގައި ލިމިޓުކޮށްފައި ކަމަށެވެ. "އެއްވެސް އިންސާނެއްގެ ބާރަކީ ލިމިޓް ނުވެ، ހުދޫދެއް ނެތި އޮންނަ ބާރެއް ނޫން،" މައުމޫން ވިދާޅުވި އެވެ. ގާނޫނު އަސާސީގެ މާއްދާއަކާ ހަވާލާ ދެއްވައި، މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގަވަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތުގެ މަތިން ކަމަށާއި އޭގެ ބޭރުން ވެރިކަން ނުހިންގޭނެ ކަމަށެވެ. އަދި އޭގެ ބޭރުން ކުރާ އެއްވެސް ކަމަކީ ސައްހަ ކަމަކަށް ނުވާނެކަމަށް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ "ވަލިއްޔުލް އަމްރު" އަކީ "ކަމާ ބެހޭ މީހާ"އޭ ބުނުމަށް ކުރީގައި ބޭނުންކުރި ބަހެއް ކަމަށެވެ. ގާނޫނު އަސާސީތަކާއި އެކިއެކި މީހުންގެ ޒިންމާތަކާއި ވާޖިބުތައް އަދި ބާރުތައް ކަނޑައެޅިފައި ނެތް ދުވަސްވަރު ހުންނަ އެންމެ އިސްވެރިއަކަށް ކިޔާނީ "ވަލިއްޔުލް އަމުރު" ކަމަށް މައުމޫން ވިދާޅުވި އެވެ. "[ވެރިއަކަށް ހުންނަ ބޭފުޅަކަށް] ކަންތައް ކުރެވޭނެ މުޅި ގައުމުގެ މަސްލަހަތަށް ޓަކައި. މުޅި ރައޔްިތުންގެ ފައިދާއަށް ޓަކައި. އަމަން އަމާންކަން ދަމަހައްޓަވަން އަދި އެނޫން މަސްލަހަތުތައް ރައްކާތެރިކުރަން ވަލިއްޔުލް އަމްރުގެ ހައިސިއްޔަތުން ކަންތައް ކުރެވޭނެ،" އެހެން ނަމަވެސް މިއަދު ވަލިއްޔުލް އަމްރެއް ނުހުންނާނެ ކަމަށާއި، މިއަދު ވަލިއްޔުލް އަމުރަކަށް ވާންޖެހޭނީ ގާނޫނު އަސާސީކަމަށް މައުމޫން ވިދާޅުވި އެވެ. "މިހާރަކު ނެތޭ ވަލިއްޔުލް އަމުރެއް. މިހާރަކު ނުހުންނާނެ ނޫންތޯ. މިހާރު އެއޮތީ ގާނޫނު އަސާސީ. މިހާރުގެ ވަލިއްޔުލް އަމުރަކީ ގާނޫނު އަސާސީ. އޭގައި އޮތް ގޮތަށް ނޫން ގޮތަކަށް ކަމެއް ނުކުރެވޭނެ." މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ