ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަތައް ބަލަމުން ދިޔަ ފަނޑިޔާރުންގެ ބެންޗް ބަދަލުކޮށްފައިވާ މައްސަލަ ބަލައިދިނުމަށް ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެމައްސަލާގައި ގޮތެއް ނިންމަންދެން ހައިކޯޓުގައި ފާރިސްގެ އިސްތިއުނާފް އަޑުއެހުންތައް މަޑުޖައްސާލަން ނިންމައިފި އެވެ.
ހައިކޯޓުގައި ފާރިސް އިސްތިއުނާފް ކޮށްފައިވަނީ އޭނާ ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުގެ މައްސަލައާއި، ފާރިސްގެ މައްޗަށް މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމަށް ކުރާ ތުހުމަތާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ މައްސަލަ އެވެ.
މި ދެ މައްސަލައިގެ އަޑުއެހުންތައް ނިމުނުތާ މަސް ދުވަހެއް ފާއިތުވި ފަހުން ހައިކޯޓުން ވަނީ މިމައްސަލަތައް ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަވާފަ އެވެ. އެއީ ހައިކޯޓުން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެ ފާރިސްގެ ގާނޫނީ ޓީމުން ވަނީ މީގެ ކުރިން އެމައްސަލަ ބަލައިދިނުމަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗް ބަދަލުކޮށް މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލުން ވަނީ އެމައްސަލަ ފާހަގަކޮށްފަ އެވެ. އެގޮތުން އެބޭފުޅުން ވިދާޅުވީ ފާރިސްގެ އިސްތިއުނާފް މައްސަލަ ބެލުމަށް މިހާރު އެކުލަވާލާފައިވާ ބެންޗަކީ ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ އަމުރަކާ ހިލާފަށް އެކުލަވާފައިވާ ބެންޗެއް ކަމަށެވެ. އެހެންކަމުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ފާރިސްގެ ވަކީލުން ވިދާޅުވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ސުޕްރީމް ކޯޓުން މައްސަލާގައި ގޮތެއް ނިންމަންދެން ފާރިސްގެ އިސްތިއުނާފްގެ އަޑުއެހުންތައް މަޑުޖައްސާލުމަށެވެ.
ފާރިސްގެ މައްސަލަ ކުރިން ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ފަނޑިޔާރު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ސަމީރު އެވެ.
މިހާރު މިމައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އަލީ ސަމީރު ވަކިކުރައްވާ ފަނޑިޔާރު ސުޖާއު އުސްމާން ހަމަޖައްސަވާފަ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ވެސް ސުޖާއު އުސްމާން އެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ މިހާރު ވަނީ މިދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފަ އެވެ.
ބެންޗް ބަދަލުކުރި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ފާރިސްގެ އިސްތިއުނާފް މައްސަލަ މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ