ހަމައެކަނި ސިޔާސީ ޕާޓީއަކުން އަންނަ މީހާގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމެއް ނެރުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ސަމީރު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ހދ. ކުޅުދުއްފުށީގައި މިރޭ ބޭއްވިި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސަމީރު ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމުގައި ހަމައެކަނި ޕާޓީތަކުން އިންތިހާބުވާ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާއިރު އަމިއްލަ ގޮތުން ހޮވޭ މެމްބަރަށް ޕާޓީއަކަށް ސޮއި ކުރުމުގެ ފުރުސަތު ލިބިދީފައިވުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ.
ސަމީރު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތްތަކެއް ކަނޑައަޅާ ސުޕްރީމް ކޯޓުން މިއަދު ހުކުމެއް ނެރުނުއިރު އެކޯޓުން އަމަލު ކުރަންޖެހޭ ގޮތްވެސް ގާނޫނު ތަކުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދު ސުޕްރީމް ކޯޓުން އެގޮތަށް އަމަލުކޮށްފައިވާ ކަމާ ދޭތެރޭ ސަމީރު ވަނީ ސުވާލު އުފައްދަވާފަ އެވެ.
"ނުބަޔަކުން ރަނގަޅެއް ނުއުފެދޭނެ. މިއަދު ކަންކަން މިދަނީ ނުބައިން ނުބަޔަށް،" ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައި މިވާ އުނދަގޫ ހާލަތުން ސަލާމަތްކުރުމަށްޓަކައި ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޔާމީނަށް ރައްޔިތުން ދެއްވި ޖަވާބުން ގައުމު ސަލާމަތް ކުރަން ރައްޔިތުން ބޭނުންވާ މިންވަރު އެނގިފައިވާ ކަމަށާއި އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރުވެރިވާ ކަމަށްވެސް ވިދާޅުވި އެެވެ.
ސަމީރު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ނަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނޯންނާނެ ކަމަށެެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް ސަމީރު ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި އަމިއްލަ މެންބަރުންގެ ވާހަކަނެތުމުން ހުކުމާ ދޭތެރޭ އިތުރަށް ވިސްނަންޖެހޭ: ސަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ