ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ޚިޔާލު ތަފާތުވުން ތަކެއް އުފެދިއްޖެ

އިލެކްޝަންސް ކޮމިޝަން އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ހަތަރު މެންބަރުންގެ ގޮނޑިއާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން ތަކެއް އުފެދިއްޖެއެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުހައި ބަޔާންކޮށްފައިވާ ގޮތުގައި މިމައްސަލައާ ގުޅޭ ގޮތުން ކުރިން ނިންމުމެއް ނިންމާފައި ވާތީ މިމަޢުޟޫއާ ގުޅޭ ގޮތުން އިތުރު ހުކުމެއް ކުރަން ނުޖެހޭނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކާއި ސަރުކާރަށް ތާޢީދު ކުރައްވާ ފަރާތްތަކުން މިހުކުމް ނަގައިގަނެފައި ވަނީ ދެގޮތަކަށެވެ.
ސަރުކާރަށް ތާޢީދު ކުރާ ފަރާތްތަކުން ހީކުރައްވާ ގޮތުގައި ސުޕްރީމް ކޯޓުން ވަނީ އިލެކްޝަން ކޮމިޝަނުން މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމެވި ނިންމެވުމަށް ތާޢީދު ކުރައްވާފައެވެ. އެގޮތުން ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ކުރެވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ ނިންމެވުން ދަމަހައްޓަވައިފައިވާ ކަމަށެވެ.
ނަމަވެސް މިއާ ޚިލާފަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމުން ދޭހަ ވަނީ މެންބަރުންގެ ގޮނޑި ގެއްލިފައި ނުވާ ކަމަށެވެ. އެގޮތުން ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވި ގޮތުގައި ކޯޓުގެ ނިންމެވުމުން މެންބަރުންގެ ގޮނޑި ނުގެއްލޭ ކަން ވަރަށް ރަނގަޅަށް ސާފުވެފައިވާ ކަމަށެވެ. އަދި އިލެކްޝަނސް ކޮމިޝަނުގެ މައްޗަށް ސުޕްރީމް ކޯޓުގެ ޙުރުމަތް ކަނޑާލި ކަމުގެ ދައުވާ ވެސް ކުރެވިދާނޭ ކަމަށެވެ.
ހުކުމްކޮށްފައި އޮތް ގޮތުން ދެފަރާތުގެ މެދުގައި މިފަދައިން ދެބަސްވުން ތަކެއް އުފެދިފައިވާ އިރު ސުޕްރީމް ކޯޓުން އަދި މިކަން އިތުރަށް ތަފްސީލް ކޮށްދީފައެއް ނުވެއެވެ. ސުޕްރީމް ކޯޓުން މިގޮތަށް ނިންމަވާފައި ވަނީ ފަސް ފަނޑިޔާރެއްގެ ބެންޗަކުން ހުރިހާ ފަނޑިޔާރުންގެ ވެސް އިއްތިފާޤުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ