ސުޕްރީމް ކޯޓުގެ ނިންމުމާއި އެކު ދެފަރާތުން ވެސް "އަތް ޖަހަނީ"

ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލުނު މައްސަލައިގައި ސުޕްރީމް ކޯޓުން, ކޯޓުގެ ނިންމުން އާންމު ކުރުމާއި އެކު ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުންނާއި ސަރުކާރާއި ދެކޮޅު ފަރާތްތަކުން ވެސް އުފާފާޅުކޮށް "އަތް ޖަހަން ފަށައިފިއެވެ."
ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމް ވަރަށް ސާފު ކަމަށެވެ.
އަބްދުލްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސުޕްރީމް ކޯޓުގެ ޙުކުމް ވަރަށް ސާފު. އިލެކްޝަންސް ކޮމިޝަންގެ ނިންމުން ސައްހަ ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އެދުނީ. ސުޕްރީމް ކޯޓު އިއްތިފާގުވީ އެގޮތައް ކަނޑައަޅާނެ ޖާގަ ނެތް ކަމަށް." ކަމަށެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ "ސުޕްރީމް ކޯޓުން ވަނީ ޙުކުމް ދަމަހައްޓާފައި. އެހެންކަމުން ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ގޮނޑި އާއި ދޭތެރޭ ސުޕްރީމް ކޯޓުން ވިދާޅުވަނީ ގެއްލިއްޖެ ކަމަށް" ށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިސްގެ ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން މަޖިލިސް ރައީސްގެ އިތުބާރުނެތް ކަމުގެ ވޯޓު ވަގުތުން ނަގަން ޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ޙުކުމާއި ގުޅިގެން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ "13 ޖުލައި 2017 ގެ ކުރިން ހިނގާފައިވާ ކަމަކާއި ގުޅިގެން މެންބަރުންގެ ގޮނޑިއެއް ނުގެއްލޭނެ ކަމަށް. ވަރަށް ސާފު. الحَمْد لله" އެވެ.
ސުޕްރީމް ކޯޓުގެ ނިންމުން އިދިކޮޅު ފަރާތްތަކުން އެފަރާތްތައް ބޭނުންވާ ގޮތައް މާނަކުރަމުން ދާއިރު ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ކޯޓުގެ ނިންމުން މާނަކުރަމުން ދަނީ އެފަރާތްތައް ބޭނުންވާ ގޮތަށެވެ.
"ވަގުތަށް" މައުލޫމާތު ދެއްވި ޤާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުގެ ޙުކުމަށް ބަލާއިރު ހަތަރު މެންބަރުންގެ ގޮނޑި ގެއްލިފައިވާކަން ވަރަށް ސާފުކޮށް އެނގެއެވެ.
ހަތަރު ބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ މައްސަލައިގައި އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށެވެ. މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ