ކޮޓަރީގައި ފުލުހުން ބައިތިއްބާ ގޮތަށްވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދުނިން- ސައީދު

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ އިސްތިއުނާފު ނުލިބި އޮތްވާ ކޮވިޑް-19 ގެ ހާލަތު ދިމާވެގެން އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް ކުރި އާދޭސް ބަލައިނުގަތް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ އިސްތިއުނާފު ކުރިއަށް ދަނިކޮށް، އެއްވެސް ހުރަހެއް ދަށްޗެއް ކުރިމަތި ނުވާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.
އެހެން ނަމަވެސް ދުނިޔެއަށް ދިމާވި ކޮވިޑް-19 ގެ ނުރައްކާތެރި ބަލި މަޑު ކަމުގެ ސަބަބުން އެކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، އެބޭފުޅުން ރައީސް ޔާމީން ރަމަޟާން މަސް އާއިލާއާއި އެކީ ހޭދަކުރުމުގެ ފުރުސަތަކަށް އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމެއްވެސް ކޮށްދީފައި ނުވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"ކޮވިޑްގެ މި ނުރައްކާތެރި ވަބާގެ ތެރެއިން އަޅުގަނޑުމެން އާދޭސް ކުރިން ރައީސް ބަދަލު ކޮށްލަދޭށޭ. ދިވެހި ރާއްޖޭގެ ކާމިޔާބު 5 އަހަރެއްގަ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ދައުލަތުގެ ސްޓޭޓްސް މަނެކޭ. އެންމެ ކުޑަމިނުން ގެއަށް ބަދަލުކޮށްދޭށޭ. ގޭގެ ކޮޓަރި ތެރޭގައި އެބޭފުޅުން ބޭނުންފުޅު ވަންޏާ ދޮރުމަތީގައިވެސް ފުލުހުން ބޭތިއްބިދާނެ އަދި ކޮޓަރީގެ އެތެރޭގައި ފުލުހުން ބޭތިއްބިއަސް އަޅުގަނޑުމެންނަށް މައްސަލައެއް ނެތް" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ކުރިއަށް ނުގެންގޮސް، ރައްޔިތުންނަށް ރައީސް ރައީސް ޔާމީނަކީ އެމްއެމްޕީއާރުސީކަން ދައްކަންވެގެން މިކަމުގެ މުގުލުގައި ތިބި މީހުން ގޭގައި ބައިތިއްބާ އަނެއްކާ އިތުރު ދައުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގައި 5 އަހަރަށް ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ދައުލަތަށް އެމަނިކުފާނާއި ގުޅޭ އިތުރު މަނީ ލޯންޑަރިންގެ މައްސަލައަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ މައްސަލައެއް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ