ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކުރަން ނަގާ ވޯޓު މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރާ ޖަލްސާގެ ބަހުސް މިހާރު މަޖިލީހުގައި ދަނީ ހިނގަމުންނެވެ. މި ބަހުސްކުރަމުން ގެންދާއިރު އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހެޅުއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ބަޖެޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އެދުވަހު ބާއްވާ ކޮމިޓީގެ މުގައްރިރާއި ނައިބް މުގައްރިރު ކަނޑައެޅުމަށްފަހު 10 ދުވަހުގެ ތެރޭގައި ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ނިންމަން ވަނީ ފާސްކޮށްފަ އެވެ.
އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ބަޖެޓު ފާސް ކުރުމަކީ ގާނޫނެއް ފާސްކުރާ ދަރަޖައިން އިފްތިރާޟުވެގެންވާ ކަމަކަށް ވާތީ މަޖިލީހުން ބަޖެޓް ފާސް ކުރަން ވާނީ ގާނޫނުއަސާސީގެ މާއްދާއަށް ރިއާޔަތްކޮށް، މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ބަޖެޓުގެ މިމައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅީ އާންމު މަސްލަހަތާ ގުޅޭ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި މި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން، ބަޖެޓް ފާސްކުރުމަށް މިއަދު ނަގަން އޮތް ވޯޓް ފަސްކޮށްދިނުމުގެ އަމުރަކަށް ވެސް މައްސަލާގައި އެދިފައިވެ އެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ބުނަމުން ގެންދަނީ މިބަޖެޓުގެ ސަބަބުން ދައުލަތް އިތުރަށް ދަރަނިވެރި ވެގެންދާނެ ކަމަށާއި ބަޖެޓަށް ވޯޓު ނުދޭނެ ކަމަށެވެ. އަދި ބަޖެޓު ފާސްކުރާ ކޮމީޓީއަށް އެމްއެމްއޭ އިން ފޮނުވި ލިޔުމުގައި ލަފާކޮށްފައިވާ ގޮތުން ބަޖެޓު ފާސްކޮށްފިނަމަ ދަރަނި އިތުރުވެ، ރަސްމީ ރިޒާވުން ފައިސާ ނަގަން މަޖުބޫރުވާނެ ކަމަށް ވެސް ގުޅިފައިވާ ޕާޓީ ތަކުގެ މެމްބަރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
މަޖިލީހުގެ ރިޔާސަތުގައި އަބްދުﷲ މަސީހު އިންނަވައިގެން ބާއްވާ ޖަލްސާތައް ސައްހަ ނުވާނެ ކަމަށް ވިދާޅުވެ ގުޅިފައިވާ ޕާޓީ ތަކުގެ މެންބަރުން ބަޖެޓާ ގުޅޭ ގޮތުން ފާއިތުވި ދުވަސް ތަކުގައި ވާހަކަ ދެއްކެވީ ކުނޫޒުގައި ބޭއްވި ޕެނަލް ޑިސްކަޝަންތަކުގަ އެވެ.
ބަޖެޓު ފާސްކުރަން ނަގާ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ