ދިވެހި ތާރީޚު މީގެކުރިން ނުދެކޭވަރުގެ ބޮޑުގެއްލުންތަކެއް ރާއްޖޭގެ ބައިތުލްމާލަށް މި ސަރުކާރުން ދީފިކަމަށާއި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ހޯދާނަން ކަމަށް ރާއްޖޭގެ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ޖަރުމަނުވިލާތުގެ ފްރެންކްފަޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަަމަށާ ބައިތުލްމާލު ވަނީ ގާތްގަޑަކަށް ހުސްކޮށްފައި ކަމަށެވެ.
ޑރ.ޖަމީލް ވިދާޅުވީ ބައިތުލްމާލުން ގެއްލުނު ފައިސާގެ އަދަދު މިވަގުތު އަންދާޒާ ކުރަން ވެސް ދަތި ކަމަށާއި ރާއްޖޭގެ ފަޅުފަޅާއި ގިރިތަކާއި ބިންބިން ދިޔަ ގޮތެއް ރައްޔިތުންނަށްވެސް ނޭނގޭ ކަމަށާއި އެތަންތަން އެކި މީސްމީހުންގެ ޖީބުތަކަށް ވަދެ ހުސްވެއްޖެ ކަމަށެވެ. އަދި ރާއްޖޭގެ ބިންބިމާއި ފަޅުފަޅު ވިއްކައި މުޅި ރާއްޖެ ހުސްކޮށްލާފައިވާ ކަމަށާއި ބައިތުލްމާލުން ގެއްލުނު ފައިސާ ޖުމްހޫރީ ޕާޓީން އިރާދަކުރެއްވިއްޔާ ހޯދާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަކީ އެމަނިކުފާނުގެ ފިނޭންސް މިނިސްޓަރު ކަމުގެ ޒަމާނުން ފެށިގެންވެސް ރައްޔިތުންނަށްޓަކައި ރާއްޖޭގެ ބައިތުލްމާލު ހިފެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވެ ޑރ.ޖަމީލް ވަނީ އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ.
ޑރ ޖަމީލް ވިދާޅުވީ ގައުމަށް ތަރައްގީ އަންނަންވާނެ ކަމަށާ އެހެންނަމަވެސް ތަރައްގީއަކީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި ސަލާންޖެހުމުގެ ސަގާފަތް އާދަވެފައިވާއިރު ކޮންމެ މީހަކުވެސް ފެންނަނީ ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ނުފުދިގެން އުޅޭ މަންޒަރު ކަމަށާ މިއަކަށް ތަރައްގީއޭ ނުކިޔާނެ ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. އަދި ރާއްޖޭގައި އެންމެ ކުރީ ޒަމާނުއްސުރެ ރައްޔިތުން ދެކެމުން އައި ހުވަފެނަކީ ކިޔަވާ ކުދިންނަށް ރަނގަޅު ނިޒާމެއް ހަމަޖެހިގެން ދިއުން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ ޖަމީލް ވިދާޅުވީ މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް، އެކުދިންނަށް ލިބެންޖެހޭ ސްކޮލަރޝިޕްތައް އެކިއެކި ބަހަނާތައް ދައްކައިގެން މިސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެކުދިންނަށް ލޯނުތައްވެސް ނުލިބޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އެހެންނަމަވެސް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުރިން އޮތް ގޮތަށް މަތީ ވަނަތައް ހާސިލް ކުރާ ކުދިންނަށް ސްކޮލަރޝިޕްތަކާ ލޯނު ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަަމަށް ޑރ.ޖަމީލް ވިދާޅުވި އެވެ.
ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދާނަން: ޑރ. ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ