މެމްބަރު އިބްރާހީމް ދީދީގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓްރެރިޒަމް ދައުވާއާ ގުޅިގެން މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
އިބްރާހީމް ދީދީގެ މައްޗަށް ދެވަނަ ފަހަރަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައި މިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގަ އެވެ. އޭރު އިބްރާހީމް ދީދީ ހުންނެވީ އެމްއެންޑީއެފްގެ ބްރިގޭޑިއަ ޖެނެރަލްގެ މަގާމުގައި މާލޭ އޭރިއާގެ ކޮމާންޑަރުގެ ގޮތުގަ އެވެ.
ދައުވާއާއި ގުޅިގެން އިބްރާހީމް ދީދީ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ކޯޓުން ވަނީ ދައުވާއާ ގުޅޭ ލިޔެކިޔުންތައް އޭނާއާ ހަވާލުކޮށްފަ އެވެ.
ދައުވާއާ ގުޅޭ ލިޔެކިޔުންތައް ހަވާލުކުރުމަށްފަހު ދައުވާއާއި ގުޅިގެން ބާއްވާ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު މެންދުރުފަހު 2:30 އަށް ތާވަލްކުރުމަށްފަހު ޝަރީއަތް ކެންސަލް ކުރި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ދައުވާއާ ގުޅިގެން އިބްރާހީމް ދީދީ ވިދާޅުވީ ދަންޖެއްސިޔަސް އޭނާ އިންތިހާބު ކުރި ރައްޔިތުންނަށް އަރާންކޯރު ނުވާނެ ކަމަށެވެ.
މިމައްސަލާގައި އިބްރާހީމް ދީދީގެ އިތުރުން ރައީސް ނަޝީދާއި އެދުވަސްވަރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައިވާ މޫސާ އަލީ ޖަލީލާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އަދި ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
މީގެ ތެރެއިން މޫސާ އަލީ ޖަލީލާއި ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ. އަދި ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން ރައީސް ނަޝީދު ވަނީ 13 އަހަރަށް ޖަލަށް ލުމަށާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު 10 އަހަރަށް ޖަލަށްލުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އިބްރާހީމްގެ ދީދީގެ މައްޗަށް މިމައްސަލާގައި އެންމެ ފުރަތަމަ ދައުވާކުރެވުނު ފަހުން އެމަނިކުފާނުގެ ސިއްހީ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްފައިވަނިކޮށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އެ ދައުވާ އަނބުރާ ގެނެސްފަ އެވެ. އަދި އޭރު ދައުވާ އަނބުރާ ގެނައިކަން ޕީޖީ އޮފީހުން އިބްރާހީމް ދީދީ އަށް އަންގާފައިވެސްވެ އެވެ.
އިބްރާހީމް ދީދީގެ މައްސަލަ އަނބުރާ ގެނައީ މިމައްސަލާގައި ދައުވާ ލިބުނު ސިފައިންގެ ދެ ބޭފުޅުންގެ މައްޗަށް އުފުލި ދައުވާތައް ކްރިމިނަލް ކޯޓުގައި ސާބިތުވެފައި ނުވާތީ ކަމަށްވެސް އެ ދުވަސްވަރު ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ