ކުރިއަށް އޮތް 24 ގަޑިއިރު ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ވާނެ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒު މިއަދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ސަރަހައްދުތަކަށް މޫސުން ގޯސް ވާނެ ކަމަށެވެ. މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި މާދަމާގެ ނިޔަލަށް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް މޫސުން މާ ބޮޑަށް ގޯސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަވީރު ހަތަރެއް ޖަހަންދެން މާލެ އަތޮޅާއި ވ. އަތޮޅާ ދެމެދަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10-20 މޭލުގެ ދެމެދުގައި ވައި ޖެހޭނެ އެވެ. އަދި ކަނޑުގަދަވާނެ ކަމަށާއި އެކަމަށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދޭން އޭނާ އިލްތިމާސްކުރެއްވި އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވެ އެވެ.
"މާދަމާ އިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ވާނެ ކަމަށް ބެލެވޭ، މުޅި ރާއްޖެއަށް ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން،" ހާފިޒު ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ރަށްރަށަށް 50 މިލިމީޓަރަށް ވުރެ ގިނައިން މިއަދު ވާރޭ ވެހިފައިވާ ކަމަށް ހާފިޒު ވިދާޅުވި އެވެ. ދިއްފުއްޓަށް 91 މިލިމީޓަރަށް ވާރޭ ވެހުނުކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަށް ސަމާލުކަން ދޭން ވެސް އިލްތިމާސްކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ