އެއްވެސް ބޭފުޅަކަށް ތާއީދު ނުކުރަން ނިންމީ މާޒީ އަށް ބަލާފައި: ގާސިމް

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަކި ބޭފުޅަކު ގެންނަވަން މަސައްކަތް ނުކުރައްވާނެ ކަމަށާއި އެގޮތަށް ނިންމެވީ މާޒީގެ ތަޖުރިބާ އަށް ބައްލަވާފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ވީޓީވީ މެދުވެރިކުރައްވައި ދެއްވި އޯޑިއޯ މެސެޖެއްގައި ގާސިމް މިރޭ ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެއްވެސް ބޭފުޅަކު ގެނައުމަށް ޓަކައި އެހީތެރިވެ ދެއްވުމުގެ ގޮތުން އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ. ކުރިން ވެސް ވިދާޅުވެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެގޮތަށް ނިންމެވީ މާޒީގެ ތަޖުރިބާ އަށް ބަލާފައި ކަމަށެވެ.
"އެއީ ވޭތުވެދިޔަ ތަނުގެ ތަޖުރިބާ އަށް ބަލާއިރު ވެރިކަމުގައި ހުންނަވާ ބޭފުޅަކު ކުރައްވާ ބައެއް ކަހަލަ ކަންތައްތަކުގެ ސަބަބުން އެބޭފުޅަކު ވެރިކަމަށް ގެންނަން އިސް ކޮށް މަސައްކަތް ކުރެއްވި މީހުން ބަދުނާމުވެ ލަދުގަންނަންޖެހޭތީ. އަދި މިއަދު ވެސް އަޅުނގަޑު މިހިރީ އެގޮތުގައި،" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެނޑިޑޭޓަކަށް ވެސް ތާއީދު ނުކުރަން ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވެސް ވަނީ ނިންމާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ޖުމްހޫރީ ގުޅުމަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް މެސެޖްގައި ގާސިމް ޝުކުރުއަދާ ކުރެއްވި އެވެ. ގާސިމްގެ އެ މެސެޖުގައި ވިދާޅުވެފައި ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވަން އޮތް ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުގެ ތެރެއިން ވެރިއަކު އިންތިހާބު ކުރުން އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ