ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ދޭތެރެދޭތެރެ އިން ކަރަންޓް ކެނޑޭތާ ތިން ދުވަސްވެފައިވާ އިރު ވެސް، އެކަމަށް ދާއިމީ ހައްލެއް ނުލިބޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރެއް ކަމަށްވާ މުހައްމަދު ޟިރާރު ވިދާޅުވީ އެ ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑެނީ ދެ ޖެނެރޭޓަރަކަށް ދިމާވެގެން އުޅޭ މައްސަލަ ހައްލު ނުކުރެވި ދިގުލައިގެންދާތީ ކަމަށެވެ.
ފުވައްމުލަކަށް ކަރައްޓު ދެނީ އެއް މެގަވޮޓްގެ ދެ ޖެނެރޭޓަރާއި 1.2 މެގަވޮޓްގެ ޖެނެރޭޓަރަކުންނެވެ. މިފަހަރު ކަރަންޓު ކެނޑެން ފެށީ މީގެ ދުވަސްކޮޅެއް ކުރިން އެއް މެގަވޮޓްގެ ޖެނެރޭޓަރަކަށް މައްސަލައެއް ޖެހި، އެކަން ހައްލުނުވެ ހުއްޓާ، ބޮޑު ޖެނެރޭޓަރުގެ ބުރަފައްޗަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ޟިރާރު ވިދާޅުވި އެވެ.
ޟިރާރު ވިދާޅުވި ގޮތުގައި ދެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުނުވާތީ، މިހާރު ކަރަންޓު ދެނީ އެކި ސަރަހައްދުތަކަށް ބަހާލައިގެން ދެ ގަޑިއިރުން ދެ ގަޑިއިރުން ކަމަށެވެ.
އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ބުނީ މި ރޭ ނުވައެއް ޖަހާއިރު މުޅި ރަށަށް ކަރަންޓު ދޫކުރާނެ ކަމަށެވެ. އަދި 800 މެގަވޮޓްގެ ޖެނެރޭޓަރެއް ރަށަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޖެނެރޭޓަރު ބޭނުންކުރަން ފެށުމުން ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން އާންމުންނަށް ގިނަ ދަތިތަކެއް ކުރިމަތިވަމުން ދާ އިރު، ރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ވެސް ހިނގި ކަމަށް ޟިރާރު ވިދާޅުވި އެވެ. ކަރަންޓު ކެނޑުމުގެ ގޭގައި ދިއްލާފައި ހުރި އުށްބައްތިއެއްގެ ސަބަބުން އެ ގޭގައި އަލިފާން ރޯވެ، ކޮޓަރި ތެރޭގައި ހުރި ގިނަ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
ފުވައްމުލަކުގެ ކަރަންޓު މައްސަލަ އަދިވެސް ހައްލެއް ނުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ