ބަރުދަން ލުއިކުރަން ޖެހުމުން އުފުލި ބުރަ ވިސްނިގެން ކްރިތީ ފިޓްނެސް އެޕެއް ތައާރަފުކޮށްފި

އެކްޓްރެސް ކްރިތީ ސެނަން ފިޓްނެސް އެޕެއް ތައާރަފުކޮށްފި އެވެ.
“ދަ ޓްރައިބް” ކިޔާ އެ އެޕްލިކޭޝަން ތައާރަފުކުރަން މިއަދު އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި އޭނާ ބުނީ، އޭނާ ބޮލީވުޑަށް ތައާރަފުވިތާ އަށް އަހަރު ފުރުނު ދުވަހަކީ ރަނގަޅު ދުވަހެއް ކަމަށް ނިންމައި، އޭނާގެ ވިޔަފާރިވެސް އެ ދުވަހު ފަށާފައިވާ ކަމަށެވެ.
ކްރިތީ ބުނީ އެ އެޕަކީ ފިޓްނެސް އެޕެއް ކަމަށެވެ. އެ އެޕް ފަށަން ނިންމި ސަބަބާ ގުޅޭ ގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، ބަރުދަން ލުއިކުރުމާއި ސިއްހަތާމެދު ބޮޑަށް ވިސްނަން ފެށުނީ “މީމީ” ފިލްމަށް 15 ކިލޯ ބަރުކުރުމަށް ފަހު، އަލުން ބަރުދަން ލުއިކުރަން ޖެހުމުން ކަމަށެވެ. އަދި އެ ދުވަސްވަރު ކޮވިޑާ ގުޅިގެން ޖިމްތައްވެސް ބަންދުކުރުމުން އެކަމަށް އިތުރަށް ދަތިވި ކަމަށް ބުންޏެވެ.
އެޕްގެ އިތުރުން ކްރިތީ ވަނީ ޓްރައިބް ސްޓޫޑިއޯއެއްވެސް ހުޅުވައިފަ އެވެ. އެހެންކަމުން ގޭގައި ތިބެގެން ކަސްރަތު ކުރާ މީހުންނަށްވެސް އެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
މީމީ ފިލްމަށް އޭނާގެ ބަރުދަން އިތުރުކުރަން ޖެހުނީ ބަނޑުބޮޑު މީހެއްގެ ރޯލު އަދާކުރާށެވެ. އަދި އެބައި ކުޅުމަށް ފަހު ފިލްމުގެ ބާކީ ބައި ނިންމުމަށް އޭނާ ތިން މަސްދުވަހުގެ ތެރޭގައި ބަރުދަން ލުއިކުރި އެވެ.
ކްރިތީ ދެން ފެނިގެން ދާނީ ޓައިގާ ޝްރޮފްއާއެކު “ގަންޕަތް” ކިޔާ ފިލްމަކުންނެވެ. އަދި ވަރުން ދަވަންއާއެކުވެސް ފިލްމެއް ކުޅެން ދަނީ ތައްޔާރުވަމުންނެވެ. އޭގެ އިތުރުންވެސް އޭނާގެ ދެ ފިލްމެއްގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ