މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުން ރަނގަޅެއް ނޫން: މެމްބަރު އިލްޔާސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
މެމްބަރު އިލިޔާސް މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި، ޖޭއެސްސީ އިސްލާހު ކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު އާދީއްތަ ދުވަހު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުންނެވެ.
އިލްޔާސް ވިދާޅުވީ އާ ގާނޫނު އަސާސީ އެކުވަލާލާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ޖޭއެސްސީއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެބޭފުޅުން ޖޭއެސްސީގައި ތިއްބަވާ ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެއްބާރު ކަމަށްވާތީ ރައީސްގެ މެމްބަރަކު ޖޭއެސްސީގައި އިންނެވުން މުހިންމު ކަމަށް އިލްޔާސް ވިދާޅުވިއެވެ. އެކަމަކު މަޖިލީހުގެ ރައީސް އެ ކޮމިޝަނުގައި އިންނެވުން ރަނގަޅު ނޫން ކަމަށް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ގިނަ އަދަދެއްގެ ފަނޑިޔާރުން ޖޭއެސްސީގައި ތިބުންވެސް މަސްލަހަތު ފުޝުއަރާ ކަމަށެވެ. އެހެން ނަމަވެސް އެކަކު ނޫނީ ދެފަނޑިޔާރުން ތިބުން މުހިންމު ކަަމަށާއި އަދި ޖޭއޭސްސީއަށް ކަނޑައަޅާނެ އިތުރު ފަރާތްތަށް ފުޅާކޮށް މަޝްވަރާކުރަން ޖެހޭ ކަމަށެވެ.
ޖޭއެސްސީ އިސްލާހު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ.
އެ މަނިކުފާނު ވައުދުވެވަޑައިގަތީ، ވެރިކަމުގެ އެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިވައުދު ފުއްދެވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ