ހަވީރު 6:00 އިން ފެށިގެން އުޅަނދު ދުއްވުން މަނާކޮށްފި

މިއަދުން ފެށިގެން ހަވީރު 6:00 އިން ހެނދުނު 6:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބުބަކުރު ސޮއިކުރައްވާ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި. ރައްކާތެރިކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ޅ) އާއި، އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަންބަރުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މި ހިނދުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި އުޅަނދު ދުއްވޭ ވަގުތައް ބަދަލުގެނެސްފައިވާކަމަށެވެ.
އެގޮތުން މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުއްޓާއި، ގުޅީފަޅުގެ އިތުރުން ހުޅުލޭގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 ގެ ނިޔަލަށް އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ މަނާ ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ފިޔަވަޅުތައް އެޅުމުން އިސްތިސްނާވާ ބަޔަކު ވާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ސިފައިންނާއި ފުލުހުންނާއި، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެމްބިއުލަސްގެ އިތުރުން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ފާސް ލިބިފައިވާ މީހުންނާއި، އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތަތައް މި ފިޔަވަޅުތައް އެޅުމުން އިސްތިސްނާވާނެ ކަމަށެވެ.
މި އިސްތިސްނާ ހާލަތްތަކުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އެ އެންގުމާ އެއްގޮތަށް އަމަލުކުރެވޭނެ ކަމަށެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކުރުމުގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސާވިސް އިން އަޅަމުންގެންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، މި ފިޔަވަޅުތައް ތަންފީޒުކޮށްދިނުމަށް އެޗްޕީއޭއިން ވަނީ ހުރިހާ އިދާރާތަކަށާއި، ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. މި އެންގުމާ އެއްގޮތަށް އަމަލުކުރަން ފެށުމާއެކު މިމަހުގެ 2 ވަނަ އެންގި އެންގުމުގައިވާ 14 ދުވަހުގެ މުއްދަތަށް އަޅާފައިވާ ފިޔަވަޅުތަކުގެ 2 ވަނަ ނަންބަރު ބާތިލްވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިމަހުގެ 2 ވަނަ ދުވަހު އެޗްޕިއޭއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8:30 އިން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި މިއަދު އެންގި އެންގުމާއެކު މި އެންގުން މި ވަނީ ބާތިލްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ