ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން ގޯސް ވެދާނެ

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ، ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި، ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން ވައިޖެހޭނެ ކަމަށް ބެލެވެނީ އާންމު ގޮތެއްގައި ގަދިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި ވިލާގަނޑުގައި ގަދިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
އޭގެ އިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށް ބުންޏެވެ.
ރާއްޖެއާ ދުރުން ބަންގާޅުކަނޑުގައި އުފެދިފައިވާ ކޮޅިގަނޑާ ގުޅޭ ގޮތުން މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އެ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި ކޮޅިގަނޑު ޖެހެމުން ދާނީ އުތުރުހުޅަނގުއުރުތަށް ރާއްޖެއާ ދުރަށް ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ