ސަލްމާގެ މަރުގެ ބަދަލު ހޯދަން އާއިލާއިން ދައުވާ ކުރަނީ

ވިހެއުމުގެ ތެރޭގައި ދިމާވި ކޮމްޕްލިކޭޝަނެއްގައި ސަލްމާ ނަސީރު މަރުވި މައްސަލައިގައި ދައުވާ ކުރަން އޭނާގެ އާއިލާއިން ނިންމައިފި އެވެ. ސަލްމާ، 25، މަރުވީ ވިހެއުމަށްފަހު ގިނަ އަދަދަށް ލޭ ބޭރުވެގެން ދިމާވި މައްސަލަތަކާ ހެދި އެވެ. އޭނާ މަރުވި މައްސަލަ ބަލަން އޭނާގެ ފިރިމީހާ އެދުމުން އެކަން ބެލުމަށްފަހު ހެލްތު މިނިސްޓްރީން ޖަވާބުގައި ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ވިހެއުމަށްފަހު ސަލްމާގެ ގަޔަށް ލޭ އެޅުން ލަސްވި ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގައި ލޭ ހުރެ، ލޭ ނާޅާ އެއްގަޑިއިރު ހޭދަވި ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ. ސަލްމާ މަރުވުމުގައި އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ އާއިލާއިން މިހާރު ވަނީ އެ މައްސަލައިގައި މަދަނީ ދައުވާ ކުރަން ނިންމައިފަ އެވެ. އޭނާގެ ފިރިމީހާގެ އާއިލާގެ މީހެއް ކަމަށްވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވީ، މަދަނީ ދައުވާ ކުރަން މައްސަލަ ސިވިލް ކޯޓަށް ވައްދާނެ ކަމަށެވެ. އަދި މައްސަލަ މެޑިކަލް ކައުންސިލަށްވެސް ހުށަހަޅުއްވާނެ ކަމަށެވެ. އޭގެ އިތުރުން، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަ އިހުމާލު މަރެއްގެ ގޮތުގައި ބެލުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް މުހުތާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ވަރަށް އަވަހަށް ފުލުހުންނަށާއި މެޑިކަލް ކައުންސިލަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. ނަމަވެސް، އަދި ލިބެންޖެހޭ ލިޔެކިޔުންތަކެއް އޭޑީކޭގެ ފަރާތުން ނުލިބޭތީ މަދަނީ ދައުވާ ހުށަހަޅަން ލަސްވެދާނެ ކަމަށްވެސް ވިދާޅުވި އެވެ. ބަދަލުގެ ގޮތުގައި ހޯދާ ފައިސާ އާއިލާއިން ބޭނުން ނޫން ކަމަށާއި އެ ފައިސާއިން އެއްބައި ސަލްމާގެ ދަރިފުޅަށް ޓަކައި ބަހައްޓާފައި އަނެއްބައި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ޖަމިއްޔާއަކަށް ހަދިޔާ ކުރާނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަލްމާގެ މަރާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަލްމާގެ ގަޔަށް މެދުނުކެނޑި ލޭ އަޅަމުން ދިޔަ ކަމަށެވެ. އަދި އޭނާއަށް ދޭން ޖެހޭ ފަރުވާ ދެމުންދިޔަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ