ކޯވިޑް-19 : އަންނަ އާދިއްތަދުވަހު ފައިޒަރ ވެކްސިން ޖަހަން ފަށަނީ

އަންނަ އާދިއްތަދުވަހު ރާއްޖޭގައި ފައިޒަރ ވެކްސިން ޖަހަން ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.
ފައިޒަރ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުން ރަޖިސްޓްރީވުމަށް އެޗް.ޕީ.އޭއިން މިމަހުގެ 4 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ފައިޒަރ ވެކްސިން ދޭން ތައްޔާރުވާއިރު، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ވަނީ ފައިޒާ ވެކްސިންގެ 5500 ޑޯޒް ލިބިފައެވެ. މިވެކްސިން ރާއްޖެއަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ފައިޒަރ ވެކްސިނަކީ ފިނިހޫނުމިން 70 ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަނޑުގޮތެއްގައި ޖަހާނީ މާލޭގައިކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.
ފައިޒަަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނިކަމަށާއި، މިގޮތުން މި ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ޙާލަތްތަކުގެ މީހުންނަށްކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.
ފައިޒަރ ވެކްސިނަކީ ޢުމުރުން 16 އަހަރުންމަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބަލި ޙާލަތްތައް ހުންނަ ކުދިންނަށްވެސް އެވެކްސިން ދިނުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމާފައެވެ.
އެހެންކަމުން އެފަދަ ބަލި ޙާލަތު މެދުވެރިފައިވާ މީހުން ފައިޒަރ ވެކްސިން ޖެހުމަށްޓަކައި https://tinyurl.com/j5jdehrz ލިންކުން ރަޖިސްޓަރ ކުރެއްވުމަށް އެޗް.ޕީ.އޭއިން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.
ފައިޒަރ ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓަރވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެންކަމަށާއި، މިވެކްސިން މިވަގުތު ދޭނީ މާލެ ސަރަޙައްދުގަކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ވެކްސިން ދޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެންކަމަށާއި، މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ މީހުންނަށް އިސްކަން ދޭނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެއެވެ.
ރާއްޖޭގައި ކޯވިޑް-19އާއި ދެކޮޅަށް ވެކްސިން ދޭން ފަށާފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިހާތަނަށް 3 ވެކްސިނަކަށް ރާއްޖޭގައި ވަނީ ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމް ވެކްސިނާއި، ފައިޒަރ ވެކްސިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ