މާލޭގެ ހާސްކަން ފިލުވުމަށް ރައީސްގެ އާ އަމާޒަކީ 13،000 ހައުސިން ޔުނިޓް އެޅުން

މާލޭގެ ތޮއްޖެހުން ކުޑަކޮށް، ހާސްކަން ފިލުވުމަށް އަމާޒަކީ 13،000 ހައުސިން ޔުނިޓު އެޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ހޮނިހިރު ދުވަހު ބާއްވާ ކައުސިލް އިންތިހާބުގެ އެމްޑީޕީ 'ރަށްވެހި ފަތިސް' ކެމްޕެއިން ނިންމާލުމަށް މިރޭ ރަސްދޫ ފަޅުގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްކަމަުން ރައީސް ވަނީ 5،000 ހައުސިން ޔުނިޓު އަޅާނެ ކަމުގެ ވައުދު ތަކުރާރުކޮށްފައެވެ. ރައީސް ވިދާޅުވީ، މިހާރު އާމަޒަކީ އެ އަދަދު 13،000އަށް ހެދުން ކަމަށެވެ. "މާލޭގެ ހާސްކަމަށް ލުއި ހޯދުމަށް މިއަހަރު އެކަނިވެސް 5،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށޭނެ. އަޅުގަނޑުމެން އަމާޒު ހިފައިގެން މިތިބީ މި އަދަދު 13،000 ޔުނިޓަށް އިތުރު ކުރުމަށް،" ރައީސް ވިދާޅުވި އެވެ. ރައީސް ސޯލިހް ޖަލްސާގައި ވާހަކަ ދައްކަވަނީ: އެމަނިކުފާނުގެ އަމާޒަކީ 13،000 ހައުސިން ޔުނިޓު އެޅުން ރައީސް ވިދާޅުވީ، ބިން ފުރި ބަރާވެފައިވާ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްގެން ނޫނީ ލާމަރުކަޒީ ހައްލު ވަށާ ނުޖެއްސޭނެ ކަމަށެވެ. "މާލޭގައި މާނޭވާ، ހަމެނޭވާއަށް ފެއްތުމަށްޓަކައި ލާ ނޭވާގައިވެސް ވޭނާ އުދާސް. ފެށިއަސް ނުނިމޭނޭ، ލިބުނަސް ނުލިބޭނޭ، މިއީ މިކަމުގެ ހައްސާސީ އިހުސާސް،" އއ.ރަސްދޫ ފަޅުގައި ބަނދަރުކޮށްފައިވާ އޮޑީގައި ހުންނަވާ ރައީސް ވިދާޅުވި އެވެ. އަތޮޅު ތެރޭ ބޯހިޔާވަހިކަން 1.5 ބިލިއަން ބަޖެޓު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. "އެ ބަޖެޓާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ހިޔާވަހިކަން ފަތުރާލެވޭނެ. މީގެ އިތުރުން ޒަމާންތަކެއް ވަންދެން ރަށުގައި ނުހެދި ހުރި ގެތައް ދެކިދެކި ލޯވާޅޫވެއްޖެ،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ސަރުކާރުން މިހާރު ދޫކުރާ ލުއި ލޯން ސްކީމްތަކުގެ ސަބަބުން އެ ގެތައް ހެދެން ފެށޭނެ ކަމަށެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލުމަށް އަންނަ މަހު ހުޅުވާލާނެ އެވެ. ރައީސް ސޯލިހް ވާހަކަ ދައްވަނީ: ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްގެން ނޫނީ ލާމަރުކަޒީ ހައްލު ވަށާ ނުޖެއްސޭނެ ކަމަށް ވިދާޅުވި -- ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން ކުރުކޮށް: 10،000 ދަރިވަރުން ދަނީ ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވަމުން. ދައުރު ނިމޭއިރު ހުރިހާ ރަށެށްގެ ފެނާއި ނަރުދަމާ ނިންމޭނެ. މިހާރު ޓެންޑާ މަރުހަލާއިން ފެށިގެން މަސައްކަތް ނުފެށޭ ރަށެއް ނެތް. އިރުއިރުކޮޅާ ކަރަންޓު ކެޑޭ މައްސަލަ ވަނީ ހައްލު ކުރެވިފައި.އިތުރު 9700 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަލަށް ގާއިމުވެ ނިމޭނެ އަހަރު ފަހުކޮޅު ބޮޑު ތިލަދުންމަތީގައި ހައި ސްޕީޑް ފެރީ ފެށޭނެ. އިތުރު 525 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓް 20 ރަށެއްގައި އަލަށް ގާއިމު ކުރެވޭނެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ކޮންޓްރެކްޓް ފާމިންގެ މަސައްކަތަށް 487 ދަނޑުވެރިއަކާއެކު ވަނީ ސޮއިކޮށްފައި ދެ އަތޮޅެއްގެ ހުރިހާ ރަށެއްގައި އަވިން އުފައްދާ ކަރަންޓުގެ ޖުމްލަ 2868 ކިލޯވޯޓާ ހަމަކުރެވިފައި. ފަސް ސަރަޙައްދުގެ ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފެށިގައި ރިސޯޓު، ހޯޓާ، ގެސްޓުހައުސް އަދި ސަފާރީތަކުން އެނދު 46،260 އެނދު ދަނީ ހުޅުވި ހިނގަމުން 30 އެއާލައިން ދަނީ ރާއްޖެއައް އުދުހެމުން. ރައީސް ދެއްވި އުންމީދަކީ ވަރަށް އަވަހަށް ކޮވީޑް މިހާލަތުން އަރައިގަތުމަށް ވެކްސިންގެ ދެ ޑޯޒް ހަމަވެ. އާންމު ހާލަތައްް ދެވޭނެ ކަމުގެ އުންމީދެވެ. "ރަށްވެހި ފަތިހާއެކު އުދަރެހަށް ދޮންވާ އެހެން ފަތިހެއް އެބައޮތް. އެއީ ހުރިހާ ކަމެއް އާންމު ހާލަތައް ރުޖޫއަވުމުގެ ފަތިސް. ދެ ވެކްސިން ހަމަވެ، އެންމެން ހޭލަމޭލަ އުޅޭ މާދަމާ އިރާދަކުރެއްވިއްޔާ ދުރެއް ނޫން،" ރައީސް ވިދާޅުވި އެވެ. ރަސްދޫގެ ޖަލްސާގެ ތެރެއިން --- ރައީސް ވިދާޅުވި ގޮތުގައި ތަރައްގީއާއި ކުރިއެރުމަކީ "ޓީމެއްގެ ގޮތުގައި ތިބެގެން ނޫނީ ހޯދޭނެ އެއްޗެއް ނޫން"އެވެ. އަދި ހޮނިހިރު ދުވަހު ހޮވޭ އެމްޑީޕީ މޭޔަރުން، ކައުސިންލަރުންނާއި އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަކީ އެ ޓީމުގެ އެއްބައި ކަމަށް ރައީސް ވިދާޅުވި އެވެ. "ރަށާާއި އަތޮޅާއި ސިޓީގެ ތަރައްގީއާއި ކުރިއެރުމަށް އެ ޓީމުން ތަކި ޖެހުމަކީ އެ ޓީމުގެ އަނެއް ބައި. މަޖިލިސް ކަމުގައިވިޔަސް ރައީސް އޮފީސް ވިޔަސް އެ ހަގީގަތް އޮތީ އެގޮތަށް،" ރައީސް ވިދާޅުވި އެވެ. ރައީސް މިރޭވެސް އެދިވަޑައިގެންނެވީ ލާމަރުކަޒީ ނިޒާމް އޮޔާ ނުދިޔުމަށް އެ ނިޒާމް ދަންނަ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށެވެ. "ރާއްޖޭގެ ލޮބުވެތި ރައްޔިތުން މި ދަތުރަށް އެއްމާރަކުން ފޮށިތައް އެމްޑީޕީއާްއެކު ބަންނަވާ. އެނިންމާލަމުންވެސް ދަންނަވާނީ އެންމެގެ ވޯޓު އެމްޑީޕީއަށް. އެންމެންގެ ވޯޓު އެމްޑީޕީއަށް،" ރައީސްގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ