ސުޕްރީމް ކޯޓުން ދޫކޮށްލި މަފްތޫހު އަނެއްކާވެސް ހައްޔަރުކޮށްފި
ހަރުކަށިފިކުރުގެ ތުހުމަތުކުރެވޭ ގއ. ކޮލަމާފުށި، ވިކްޓްރީ، މަފްތޫހު ސައީދު އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް 14 ދުވަހަށް ބަންދުކޮށްފިއެވެ. މަފްތޫހަކީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީއިން ހަރުކަށި ފިކުރަށް ތާއީދުކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެކަކެވެ. އޭނާ ސުޕްރީމް ކޯޓުން ދޫކޮށްލާފައިވަނީ ޖުލައި 30 ވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓުން އޭނާ ދޫކޮށްލިއިރު ވަނީ އިތުރު ހެއްކާއެކު އޭނާ އަލުން ބަންދުކުރަން ދަށު ކޯޓުގެ އަމުރަކަށް ފުލުހުންނަށް އެދެވިދާނެކަމަށް ބުނެފައެވެ. ފުލުހުން ބުނީ މަފްތޫހު އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޖުލައި 1 ވަނަ ދުވަހުކަމަށެވެ. އަދި އޭނާގެ ބަންދަށް ވަނީ 14 ދުވަސް ޖަހާފައެވެ. އޭނާއަށާއި އޭނާއާއެކު ހައްޔަރުކުރި މީހުންގެ މައްޗަށް ނުރައްކާތެރި ތުހުމަތުތަކެއް ފުލުހުން ކުރެއެވެ. އައްޑޫ ސިޓީގައި އޮޕަރޭޝަނުގައި ޖުމްލަ ނުވަ މީހުން ހައްޔަރުކުރި އިރު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެންމެ ފުރަތަމަ އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އެ 15 ދުވަހަށް ފަހު ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމަން ހިތަދޫ ކޯޓަށް އެމީހުން ހާޒިރުކުރުމުން މަފްތޫހުގެ އިތުރުން ހަތަރު މީހަކު ހެކި ނެތިގެން އެކޯޓުން ވަނީ ދޫކޮށްލާފައެވެ. އެ ފަސް އަމުރުވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ ނިންމުން ބާތިލުކޮށް, އެމީހުން އަލުން ބަންދުކުރަން ހައިކޯޓުން އަމުރުކުރިއެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގައި މަފްތޫހުގެ ފަރާތުން އެ އަމުރު އިސްތިއުނާފުކުރުމުން އެ ކޯޓުން ޖޫން 30 ވަނަ ދުވަހު ހުކުމް ކުރީ އޭނާގެ މައްޗަށް ފުލުހުން ހުށަހެޅި އިންޓެލް ރިޕޯޓުގެ އިތުުރން އެހެން ހެކި ހުރިތޯ ބަލައި, ހުރިނަމަ ދަށު ކޯޓަށް ހުށަހަޅާއިގެން ބަންދުކުރުމުގެ އަމުރަކަށް އެދެވޭނެކަމަށް ހާމަކުރަމުން, މަފްތޫހު ދޫކޮށްލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ