މުސްލިމުންގެ ވާޖިބަކީ ހެޔޮކަމުގެ ސަފީރުން ކަމުގައިވުން - މައުމޫން

މީސްތަކުންނަށްޓަކައި މާތް ﷲ ނެރުއްވި އެންމެ ހެޔޮ އުންމަތަކީ އިސްލާމީ އުންމަތް ކަމުގައި މާތް ﷲ އަންގަވާފައިވާތީ، މުސްލިމުންގެ ވާޖިބަކީ ހެޔޮކަމުގެ ސަފީރުން ކަމުގައިވުން ކަމަށް މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މައުމޫން ފައުންޑޭޝަންގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވެވި ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ އިޞްލާހް ކުރަންވީ އެމީހާގެ އަމިއްލަ ނަފްސެވެ. އިސްލާމީ އުންމަތަށް މާތް ﷲ ދެއްވާފައިވާ އެންމެ ހެޔޮ އުންމަތް ކަމަށް ވުމުގެ މަތިވެރި ޝަރަފު ދެމެހެއްޓުމަށްޓަކައި ހެޔޮލަފާ މީހަކަށްވުމަކީ ކޮންމެ މުސްލިމެއްގެވެސް ވާޖިބެކެވެ. ކޮންމެ މީހަކުވެސް ހެޔޮލަފާ މީހަކަށްވެހުރެ އެމީހަކު ދިރިއުޅޭ ޖަމާޢަތުގަޔާއި މުޅި އިންސާނީ ޖަމާޢަތުގައި ހެޔޮކަން ފަތުރަމުންދާ ސަފީރަކަށް ވުމަކީވެސް ހަމަ ކޮންމެ މުސްލިމެއްގެވެސް ވާޖިބެކެވެ.
ހެޔޮކަމަކީ މާތް ﷲ އަށް އީމާންވުމާއި ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައި ކަންތައް ނަހީކުރުން ކަމަށާއި މީގެއިތުރުން އެންމެންނަށް އިޙްތިރާމްކޮށް ޖަމާޢަތުގެ ހެވާއި ލާބައަށް މަސައްކަތްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަލްސާގައި ފަޟީލަތުއްޝައިޚް ޢަބްދުލްޢަޒީޒް ޙުސައިންވެސް ވާހަކަފުޅު ދެއްކެވިއެވެ. "ކާމިޔާބީގެ ސިއްރު" މި މައުޟޫޢުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި އަޅުގަނޑުމެންނަށް ދުނިޔެއާއި ޢާޚިރަތުގެ ބާއްޖަވެރިކަމާއި ކާމިޔާބީ ލިބޭނީ މާތް ﷲ އާއި އެކަލާނގެ ފޮނުއްވި މާތް ރަސޫލާއަށްޓަކައި ޤުރްބާން ވެގެންނެވެ. މާތް ﷲ ގެ ހިދާޔަތުގައި ހިފަހައްޓައި އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާ ނަމޫނާއަކަށް ބަލައިގެން ހުރިހާ ކަމެއްވެސް ކޮށްގެންނެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެގޮތުން މައުމޫން ފައުންޑޭޝަނުން ބާއްވަވާ ސިލްސިލާ ޖަލްސާތަކުގެ 3 ވަނަ ޖަލްސާ އަންނަ ހަފްތާގެ އަންގާރަދުވަހުގެރޭ އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ