ލ. ކުނަހަންދޫގައި ކަރަންޓުގެ އަލިކަން ނެތްތާ ދެ މަހެއްހާ ދުވަސް ވެފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުނަހަންދޫ ކައުންސިލްގެ ރައީސް މުނީރު އިދްރީސް ވިދާޅުވީ ކުނަހަންދޫގައި އެކަށީގެންވާ ކަރަންޓުގެ އަލިކަން ނެތްތާ ދެ މަސް ވެފައިވާ ކަމަށާއި މިހާތަނަށް އެކަމަށް އެއްވެސް ހައްލެއް ލިބިފައިނުވާ ކަމަށެވެ.
މުނީރު ވިދާޅުވީ ކުނަހަންދޫއަށް ކަރަންޓް ދެނީ ރަށަށް ކަރަންޓް ބޭނުންވާ ވަރަށްވުރެ ކުޑަ ދެ ޖަނަރޭޓަރުން ކަމަށާއި ރަށުގެ ހުރިހާ ހިސާބަކަށް ކަރަންޓު ދެވެނީ އެއް ވަގުތެއްގައި ދެ ޖަނަރޭޓަރު ހިންގައިގެން ކަމަށެވެ. އަދި ވިދާޅުވީ ދެ ޖަނަރޭޓަރު ހިންގާއިރު ވެސް ލޯޑް ބޮޑުވާތީ ކަރަންޓު ނުހިފެހެއްޓޭ ކަމަށެވެ. އަދި ލޯޑް ބޮޑުވާ ގަޑިތަކުގައި ރަށުން ކަރަންޓް ކެނޑިގެންދާ ކަމަށެވެ.
"ފެނަކަ ކޯޕަރޭޝަންއާ ކިތަންމެ ފަހަރަކު ވާހަކަ ދައްކައިފިން ސިޓީ ވެސް ފޮނުވައިފިން އެކަމަކު އެކަމަށް ހައްލެއް ނުލިބުނު. ވަރަށް ފަހުން ވެސް ފެނަކައިން ބުނި މި ރަށަށް ޖަނަރޭޓަރެއް ގެންނަ ވާހަކަ. ދެން އަޑުއިވުނީ އެ ޖަނަރޭޓަރު މާމެންދުއަށް ގެންދިޔަ ވާހަކަ،" މުނީރު ވިދާޅުވި އެވެ.
ކުނަހަންދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެންމެ މުހިންމު ގަޑިތަކުގައި ރަށުން ކަރަންޓް ކެނޑޭތީ އާންމު ހާލަތު ބަދަލުވެ އާންމުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
"އިއްޔެވެސް 11:00 ޖަހާ ކަންހާއިރު ރަށުން ކަރަންޓްދިޔައީ. ކަރަންޓް ލިބުނީ ވަރަށް ފަހުން. ކިރިޔާ ފެންވަރާލައިގެން ނަމާދަށް ދެވުނީ. ސުކޫލްތަކުގަ ކިޔަވާ ދުވަސްތަކުގައި ވެސް ކަރަންޓް ކެނޑޭ އެކަހަލަ ދުވަހެއް އައިސްފިއްޔާ ހެނދުނު ސެޝަންގެ ބްރޭކް ގަޑިއާ ހަމަޔަށް ކިޔަވައިދީފަ ދެން އެދުވަހު ސުކޫލުގަ ކިޔަވައެއް ނުދޭ،" އެ ރަށުގެ މީހަކު ބުންޏެވެ.
އެ މީހާ ބުނީ ކޮންމެ ދުވަހަކު ހަވީރު 4:00 ފެށިގެން 6:00 ރަށުން ކަރަންޓު ކަނޑާލާ ކަމަށާއި ބައެއް ދުވަސް ދުވަހު 3:00 ޖަހާއިރު ވެސް ކަރަންޓް ކެނޑޭ ކަމަށެވެ.
ކުނަހަންދޫން ކަރަންޓް ކެނޑޭތާ ދެ މަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ