މެންބަރުންގެ ރައްކާތެރިކަން ޔަގީންކޮށްދޭން ގާސިމް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށްދެއްވުމަށާއި މެންބަރުންނަށް ސެކިއުރިޓީ ފޯރުކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފި އެވެ.
ގާސިމް އިބްރާހީމް މިކަމަށް އެދިވަޑައިގެންނެވީ މެންބަރުންނަށް ސެކިއުރިޓީ ދިނުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީއަށް އަންގާފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މެންބަރުންނަށް އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރެއްވޭނީ ސަލާމަތާއި ރައްކާތެރިކަން ލިބިގެން ކަމަށްވާތީ މެންބަރުންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ޑިފެންސް މިނިސްޓަރަށް ގުޅުއްވާ ދެންނެވި ކަމަށެވެ. އަދި މެންބަރުންނަށް ސެކިއުރިޓީ ހަމަޖައްސަވައިދެއްވުމަށް ގާސިމް އިބްރާހީމް ވަނީ މަޖިލީހުގެ ރައީސް އަށް ވެސް ދަންނަވާފަ އެވެ.
މަޖިލީހުގެ މެންބަރުންގެ ސެކިއުރިޓީގެ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް މިއަދު ވާހަކަދެއްކެވީ މިދިޔަ ހުކުރު ވިލޭރޭ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދުގެ ހަށިކޮޅަކަށް ބަޔަކު ހަމަލާދިނުމުން މަޖިލީހުގެ އިދާރާއިން އެކަން ކުށްވެރިކޮށްފައި ނުވާތީ އެވެ. ގާސިމް އިބްރާހީމް ވިދާޅުވީ އެކަން ކުށްވެރިކުރައްވާ މަޖިލީހުގެ އިދާރާއިން ބަޔާނެއް ނެރުއްވަން ޖެހޭނެ ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ެމެންބަރުންގެ ސެކިއުރިޓީގެ ކަންކަން ބޮއްސުންލައިގެން ދިއުމަކީ ވަރަށް ދެރަކަމެއް ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
"މިކަންކަން މިދަނީ ކޮންޓިނިއުސްކޮށް، ހަމަ މިގޮތަށް. އެހެންވީމަ އެކަންކަމަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ޑިފެންސް މިނިސްޓަރު އަނގަވާފައި މިވަނީ މިވަގުތަށް މެދުކަނޑާލިކަމަށް،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް މާޒީގައި ވެސް ހަމަލާތަކެއްދީފައިވާ ކަމަށެވެ. އެގޮތުން އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަށް ހަމަލާދީ އަވަހާރަކޮށްލި ހާދިސާއާއި، ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ އަށް މަރުގެ ހަމަލާއެއްދީ ނުކުޅެދޭ މީހެއްގެ ހާލަތަށް ގެންދިޔަ ހާދިސާއާއި އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރަށް ދިން ހަމަލާ ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ މެންބަރުންނަށް ސެކިއުރިޓީ ދިނުމަށް ކުރާ ހޭދައަކީ ވަކި މީހެއްގެ ޖީބުން ކުރާ ހޭދައަކަށް ނުވާތީ ދައުލަތުން މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެއްވަން ޖެހޭނެ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއްގައި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވީ އޭނާއަށް ދިން ހަމަލާ މަޖިލީހުގެ އިދާރާއިން މިއަދާއި ހަމައަށް ވެސް ކުށްވެރިކޮށްފައި ނުވާތީ އެކަމާއި ކަންބޮޑުވެ މަޖިލީހުގެ އެ އަމަލު ކުށްވެރިކުރައްވާ ކަމަށެވެ. އަދި އޭނާއަށް ހަމަލާދިނީ ފުލުހުންގެ މަރުކަޒެއްގެ ކައިރިން ކަމަށްވާއިރު އެ ސަރަހައްދުގެ މަންޒަރު ވީޑިއޯ ކުރެވިފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ފަހަރެއްގައި ވެސް މިދަންނަވަނީ މިއީ ސަރުކާރުން ކުރި ކަމެކޭ ނޫން،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރަކަށް ވުމުން ތަފާތުކުރުމެއް ނެތޮ ކޮންމެ މެންބަރަކަށް ވެސް ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދުގެ ދަށުން ލިބެންޖެހޭ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ. އަދި އެކަން ކޮށްދެއްވުމަށް އޭނާ ވަނީ ކަމާއި ގުޅުންހުރި މުއައްސަސާ ތަކަށް ގޮވާލައްވާފަ އެވެ.
މަޖިލީހުގެ މެންބަރުންގެ ސެކިއުރިޓީގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވުމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވީ މެންބަރުންގެ ސަލަމާތާއިި ރައްކާތެރިކަމަކީ މަޖިލީހުން ބަލަންޖެހޭ ކަމަކަށްވާތީ އެކަން ބައްލަވާނެ ކަމަށެވެ.
މެންބަރު އިލްހާމަށް ދިން ހަމަލާ މަޖިލީހުގެ އިދާރާއިން ކުށްވެރިކޮށްފައި ނުވާ މައްސަަލައިގައި ވެސް މަސީހް ވަނީ ވާހަަކަދައްކަވާފަ އެވެ. އެގޮތުން މަސީހް ވިދާޅުވީ މެންބަރު އިލްހާމަށް ހަމަލާދިން ރޭ ފަތިހު 4:30 އެހާއިރު މަޖިލީހުގެ އަމީންއާންމު އެމަނިކުފާނަށް ގުޅުއްވާ އެ ހަބަރު ދެއްވުމުން އިލްހާމްގެ މޯބައިލް ފޯނަށް ގުޅުއްވާ އިލްހާމްގެ ހާލު ބެއްލެވި ކަމަށެވެ. ނަމަވެސް އިލްހާމްގެ ފޯނުން އޭނާއަށް ލިބުނު ހަމަލާގެ މައުލޫމާތު ދެއްވީ އިލްހާމްގެ އަރިސް ބޭފުޅެއް ކަމަށް މަސީހް ވިދާޅުވި އެވެ. އަދި އިލްހާމަށް ދިން ހަމަލާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވެސް މަސީހް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ