ފޮރިން މިނިސްޓްރީގެ ވެބްސައިޓް ބުނާ ގޮތުން ފޮރިން މިނިސްޓަރަކީ އަދިވެސް ޑރ. ޝަހީދު

ރައްޔިތުންގެ މަޖިލީހުގެ ރުހުނ ނުލިބިގެން ފޮރިން މިނިސްޓަރުގެ މަގާމުން ޑރ. އަހުމަދު ޝަހީދު އިސްތިއުފާ ދެއްވިތާ މަހަކާ ތިން ދުވަސް ވީއިރުވެސް ފޮރިން މިނިސްޓްރީގެ ރަސްމީ ވެބްސައިޓް ބުނާ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރަކީ ޑރ. ޝަހީދެވެ.
ފޮރިން މިނިސްޓްރީގެ ރަސްމީ ވެބްސައިޓްގެ ބައިތަކުގެ ތެރެއިން "ދަ މިނިސްޓްރީ" އަށް ދިޔުމުން މިނިސްޓާ އޮފް ފޮރިން އެފެއާޒްގެ ދަށުގައި ލިޔެފައިވަނީ އެ މަގާމުގައި ހުންނެވީ ޑރ. އަހުމަދު ޝަހީދު ކަމަށެވެ.
ފޮރިން މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރު އިރުޝާދާ އަބްދުއްސައްތާރު މިއަދު ވިދާޅުވީ ޖެނުއަރީ 22 ވަނަ ދުވަހު ފޮރިން މިނިސްޓްރީގެ އައު ވެބްސައިޓް ލޯންޗުކުރުމަށް ހަމަޖެހިފައިވާތީ މިހާރު ހުރި ސައިޓައްއެއްވެސް ބަދަލެއް ގެނެސްފައިނުވަނީ ކަމަށެވެ. ޑރ. ޝަހީދުގެ ނަން ހާރިޖިއްޔާގެ ވެބްސައިޓްގައި އިނީ އެހެންވެގެން ކަމަށެވެ.
"އަސްލު އޭގަ ނިއުސް އެކަނި އަޕްޑޭޓް ވެސް މި ކުރެވެނީ. އެހެން އެއްޗެއް ބަދަލެއްވެސް ނުކުރެވޭ. އެކަމުގައި އެއްވެސް ސިއްރެއް ނޯންނާނެ،" އިރުޝާދާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ޑރ.އަހުމަދު ޝަހީދު ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ފަހުން ރައީސް އަދި އެމަގާމަށް ބޭފުޅަކު އައްޔަންކުރައްވާފައެއް ނުވެ އެވެ. ފޮރިން މިނިސްޓްރީ މިހާރު ހިންގެވުމާއި ހަވާލުވެހުންނެވީ މިނިސްޓަރު އޮފް ހައުސިންގް އެންޑް އެންވަޔަރަންމެންޓް މުހަންމަދު އަސްލަމް އެވެ.
ޑރ. އަހުމަދު ޝަހީދަކީ މިހާރު އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު މެނޭޖަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ