މިދިޔަ އަހަރު ހިމެނިގެން ދިޔައީ ގައުމީ ހިތާމައިގެ އަހަރެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ އަލްމަރުހޫމް އަބްދުއްސައްތާރު މޫސާދީދީގެ ހަނދާނުގައި ރޭ ބޭއްވި ތައުބީނުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މައުމޫން ވިދާޅުވީ ނިމިގެން ދިޔަ އަހަރު ގައުމީ ހިތާމައިގެ އަހަރެއް ކަމުގައި ދަންނަވަން ޖެހެނީ ދިވެހި ގައުމަށް ތަފާތު ރޮނގު ރޮނގުން ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި އަދި ހިދުމަތުގެ އެންމެ މަތީ ދަރަޖާގައި ހިމެނިވަޑަގަންނަވާ ވަރަށް ހާއްސަ ތިން ބޭފުޅަކު އެއަހަރު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާތީ ކަމަށެވެ.
މިދިޔަ އަހަރު ތެރޭވަނީ ދިވެހި ދައުލަތަށް ގިނަގުނަ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވަ ތިން ބޭފުޅުން ކަމުގައިވާ އަބްދުﷲ ހަމީދާއި، އަބްދުއްސައްތާރު މޫސާ ދީދީގެ އިތުރުން އަލީ އުމަރު މަނިކު އަވަހާރަވެފަ އެވެ.
މައުމޫނު ވިދާޅުވީ މިބޭފުޅުންނަކީ ގައުމީ ތިން ބަތަލުން ކަމަށާއި މިތިން ބޭފުޅުން އަޅުގަނޑުމެންނާއި ވަކިވެވަޑައިގަތީ 2015 ވަނަ އަހަރު ދާދި އެކުގައި ކަމަށެވެ. އެހެންކަމުން އެއަހަރަކީ ގައުމީ ހިތާމައިގެ އަހަރެކޭ ކިޔުން އެކަށީގެންވާ އަހަރެއް ކަމަށް ދެކިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އަބްދުއްސައްތާރުގެ މުއްސަނދި ހަޔާތްޕުޅުން ޒުވާނުންނަށް ގިނަ ފިލާވަޅުތަކެއް ލިބޭ ކަމަށާއި އެބޭފުޅާއަކީ ހުލްގު ހެޔޮ ކަމާއި އިހުލާސްތެރި ކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.
"މިއިން ލިބޭ އެންމެ މުހިއްމު އެއްފިލާވަޅަކީ ހިދުމަތް ކުރަންޖެހޭނީ ގައުމަށް ކަން. މަތީ މަގާމެއް ނުވަތަ އެ މަގާމުން ލިބޭ އަގަށް ބަލައިގެން ނޫން ކަން،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އަބްދުސައްތާރަކީ އެއްއިރަކު ވެސް މަތީ މަގާމަކަށް ޝައުގުވެރިވެވަޑައިގެންނެވި ބޭފުޅެން ނޫން ކަމަށެވެ. އަދި އަބްދުއްސައްތާރު ބޭނުންފުޅުވީ މަތީ މަގާމެއް ނޫން ކަމަށާއި އެ ހުންނެވި މަގާމެއްގެ ޒިންމާތައް ފުރިހަމައަށް އަދާކުރައްވައި ރައްޔިތުންނަށް އިހުލާސްތެރި ހިދުމަތްތަކެއް ފޯރުކޮށްދެއްވަން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ސައްތާރުގެ ހިދުމަތުން ލިބި ވަޑައިގަންނަވާ ފިލާވަޅާއެކު އެއްވެސް މީހަކު ބޭނުންވާންވީ މަތީ މަގާމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއިރެއްގެ ސަރުކާރުން ނުވަތަ އެ ނޫން ފަރާތަކުން ވެސް އެ ހަވާލުކުރާ މަގާމެއްގައި ހުރެ ހިދުމަތް ކުރެއްވުން ވަރަށް މުހިންމު ކަމަށާއި ގައުމަށް ހިދުމަތް ކުރުމުގައި ފަސްޖެހިވަޑައިނުގަތުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
ތަޢުބީންގެ މިޖަލްސާގައި ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ އަލްމަރުހޫމް އަބްދުއްސައްތާރު މޫސާދީދީ އަވަހާރަވުމާ ގުޅިގެން ފޮރިން މިނިސްޓްރީން ހުޅުވި ތައުޒިޔާގެ ދަފުތަރު، އަބްދުއްސައްތާރުގެ އާއިލާއާ ހަވާލުކޮށްދެއްވާފަ އެވެ.
އާއިލާއަށް ތައުޒިޔާގެ ދަފުތަރު ހަވާލުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި މި ޖަލްސާގައި އަބްދުއްސައްތާރު މޫސާދީދީގެ ހަނދާނުގައި ތައްޔާރުކޮށްފައިވާ ފޮތެއް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ނެރެދެއްވާފަ އެެވެ.
އަބްދުއްސައްތާރު މޫސާ ދީދީ އަވަހަރާވީ ބެންކޮކުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުރުފުޅުން 79 އަހަރުފުޅުގަ އެވެ.
ދިގު މުއްދަތަކަށް ވަޒީރުކަން ކުރައްވާފައިވާ އަބްދުއްސައްތާރަކީ 50 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ހެލްތު މިނިސްޓަރު ކަމާއި ފިނޭންސް މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަން ވެސް އެމަނިކުފާނު ފުރުއްވި އެވެ. އަދި އދ. ހުންނަވާ ރާއްޖޭގެ ދާއިމީ ވަކީލް ކަމުގެ މަގާމުވެސް އަލްމަރުހޫމް އަބްދުއްސައްތާރު މޫސާދީދީ ވަނީ ފުރުއްވާފަ އެވެ.\
މިދިޔަ އަހަރަކީ ގައުމީ ހިތާމައިގެ އަހަރެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ