ފެމިލީ ކޯޓުގެ އިސް ގާޒީ އާދިއްތަ ދުވަހު ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އަންގައިފި އެވެ.
ހަސަން ސައީދު ޖޭއެސްސީއަށް ހާޒިރުވާން އަންގާ ފޮނުވި ޗިޓްގައި ބުނެފައިވާ ގޮތުން އޭނާ ޖޭއެސްސީއަށް ހާޒިރުކުރަނީ ހައިކޯޓަށް އެންމެ ފަހުން އައްޔަންކުރެވުނު ފަނޑިޔާރުންނަކީ ކޮރަޕްޓް ބޭފުޅުން ކަމަށް ބައްދަލުވުމެއްގައި ވިދާޅުވެގެންނެވެ.
ޗިޓްގައިވާ ގޮތުން ފެމެލީ ކޯޓުގެ ސީނިއާ މެނޭޖްމަންޓްގެ ބައްދަލުވުމެއްގައި ހައި ކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓް ފަނޑިޔާރުން ކަމަށާ އެބޭފުޅުން ހުރިހާ ކަމެއް ކުރަނީ ހިޔާ ބޮޑު ގަހެއްގެ ދަށުގައި ތިބެގެން ކަމަށް ހަސަން ސައީދު ވިދާޅުވި ކަމަށް ބުނެ ޖޭއެސްސީއަށް ވަނީ ޝަކުވާ ހުށަހެޅިފަ އެވެ.
ޖޭއެސްސީއަށް ހާޒިރުވާން ހަސަން ސައީދަށް އަންގާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އެވެ.
ޖޭއެސްސީން ހަސަން ސައީދުގެ މައްސަލައެއްް ބަލަން ފަށާފައިވާއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ ގާޒީ މިހާރު ވަނީ ފެމިލީ ކޯޓަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ