ޝަރުއީ ދާއިރާގެ ރަސްމީ ގަޑި ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް ހަމަޖައްސައިފި

ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 ކަމަށް ހަމަޖައްސައިފި އެވެ.
މިބަދަލު ގެނެސްފައިވާ ކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު އާންމު ކުރި ސިޓީއެއްގައި ޝަރުއީ ދާއިރާގެ މުއައްސަސާތަކަށް ވަނީ އަންގާފަ އެވެ.
ޑީޖޭއޭގެ ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
ޑީޖޭއޭ އިން ބުނީ ރަސްމީ ގަޑިއަށް ގެނެވުނު ބަދަލާއިއެކު ހުސްވަގުތު ކޮޅުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް މެންދުރުފަހު 12:00 އިން 14:00 އާ ދެމެދުގެ ވަގުތެއްގައި އެއް ގަޑިއިރުގެ ހުސްވަގުތު ކޮޅެއް ލިބޭނެ ކަމަށެވެ. އަދި މުވައްޒަފުންނަށް ހުސް ވަގުތު ދިނުމުގައި ކޯޓުތައް ނުވަތަ އެ މުއައްސަސާއެއްގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ބުނެފައިވެ އެވެ.
ޑީޖޭއޭ އިން ބުނީ ޝަރުއީ ދާއިރާގެ މަސައްކަތު ގަޑިއަށް ބަދަލު ގެނައި ނަމަވެސް ޝަރުއީ ދާއިރާގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ ރަސްމީ ގަޑިއަކީ ކުރިންވެސް އަމަލުކުރާ އުސޫލުން އެ މުވައްޒަފަކު ޑިއުޓީ ކުރަން ހަމަޖެހިފައިވާ ގަޑި ކަމަށެވެ.
ސަރުކާރުގެ ވަޒީފާގެ އިތުރުން ޕްރައިވެޓް ސެކްޓަރުގައި ވަޒީފާ އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުގެ ރަސްމީ ގަޑި ހެނދުނު 8:00އިން މެންދުރުފަހު 2:00އަށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ބަދަލުކޮށްފަ އެވެ.
ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކަމަށް މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލު ގެނައީ ސަރުކާރުގެ ވަޒީފާ އަދާކުރާ މުވައްޒަފުން އާއިލާއާއެކު ހޭދަކުރަން ލިބޭ ވަގުތު އިތުރު ކުރުމަށާއި ސަރުކާރުގެ ވަޒީފާގެ އިތުރުން ޕްރައިވެޓް ސެކްޓާގައި ވަޒީފާ އަދާކުރުމަށް ފުރުސަތު ދިނުމުގެ އިތުރުން ދިވެހި ޒުވާނުންނަށް ކުޅިވަރު ކުޅުމާއި ތައުލީމު ހާސިލުކުރުމާއި ފަންނީ ރޮނގުން ކުރިއަށް ދިޔުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލު ގެނައުމާއި ގުޅިގެން ބައެއް މިނިވަން މުއައްސަސާތަކާއި، ޝަރުއީ ދާއިރާގެ މުއައްސަސާތަކުން ވެސް ވަނީ އެތަންތަނުގެ ރަސްމީ ގަޑި ސަރުކާރުގެ ރަސްމީ ގަޑި އާއި އެއްގޮތަށް ކަނޑައަޅާފަ އެވެ. ނަމަވެސް ބައެއް މިނިވަން މުއައްސަސާތަކުން ސަރުކާރުގެ ރަސްމީ ގަޑިއަށް އެތަންތަނުގެ ރަސްމީ ގަޑި ބަދަލުކޮށްފައެއް ނުވެ އެވެ.
ިމިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ ރަސްމީ ގަޑި ސަރުކާރުގެ ރަސްމީ ގަޑިއާއި އެއްގޮތަށް ބަދަލުކުރުމާއި ގުޅިގެން މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކަށް ބަދަލެއް ނާންނަ ގޮތަކަށް ސަރުކާރުގެ ރަސްމީ ގަޑިއަށް ގެނެސްފައިވާ ބަދަލާއި އެއްގޮތަށް މިނިވަން މުއައްސަސާތަކުން އަމަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ