މާމިގިނލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމަށް އެކި ފަރާތްތަކުން "ސޭޓު" މި ނަމުން މުހާތަބު ކުރައްވާތީ ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ އިންކަމް ޓެކްސްގެ ބިލަށް ބަހުސް ކުރައްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ވަކި ޕާޓީއެއްގެ ބަޔަކު އޭނާއާއި ދިމާލަށް "ސޭޓު" ނުވަތަ "މަހުޖަނު" މި ދެ ނަމުން މުހާތަބު ކުރުން މިހާރު އާއްމު ކަމަކަށް ވެފައިވާ ކަމަށެވެ. ގާސިމް ވަނީ އެގޮތަށް އެނަމުން އެބޭފުޅުން ގޮވަނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. އަދި ގައުމެއް ކުރިއަރައިގެން ދާނީ ގައުމެއްގައި ތިބި މުއްސަނދި މީހުންނާއި ތަނަވަސް މީހުން ތިބެގެން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"ދުނިޔޭގައި ގައުމެއް ކުރިއަރާ ދަނީ އެތަނެއްގައި ތިބި ތަނަވަސް މީހުންނާއި މުއްސަނދިކަން އިތުރުވެގެން ދަނީ މިދެންނެވި ގޮތަށް ތަނަވަސް މީހުންތަކެއް ތިބެގެން." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެ މަނިކުފާނާއި ދިމާލަށް "ސޭޓު" މި ނަމުން މުހާތަބު ކުރުމަކީ ޖޯކެއް ކަމަށެވެ.
"މި ކޮން ވާހަކައެއްތޯ މި ދައްކަނީ. ބައެއްގެ ސިކުނޑިއަށް ވައްދައިދޭން. މުއްސަނދިންނޭ މަހުޖަނުންނޭ. ދެފަހަރުން އެއްފަހަރު އިރުކޮޅަކުން މިވަހަކައެއް މިދައްކަނީ. ސޭޓުންނޭ. މިވާހަކައެއް މި ދައްކަނީ ކޮން ކަމަކާ ހެދިތޯއޭ އަޅުގަނޑު ހިތައް އަރަނީ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި އޭނާއާއި ދިމާލަށް "ސޭޓު" މި ނަމުން މުހާތަބު ކުރައްވަމުން ގެންދަވާތީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. ގާސިމް އާއި ދިމާލަށް "ސޭޓު" ގެ ނަމުން ގޮވަމުން އަންނަނީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންނެވެ.
"ސޭޓު"ގެ ނަމުން މުހާތަބު ކުރާތީ ގާސިމް ހިތްހަަމަ ނުޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ