އިންތިހާބީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ރައީސް ކަމުގެ ހުވާ ކުރައްވަން ޖެހޭނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައި ކަމަށް ގަބޫލުކުރައްވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސްކަމުގެ ހުވާކުރެއްވުން ނޮވެމްބަރު 17 އަށް ލަސްވެގެންދިޔައީ، 2013 ވަނަ ސުޕްރީމް ކޯޓުން ނެރުއްވި ވަގުތީ އަމުރެއްގެ ދަށުން ކަމަށެވެ.
"މ ދާގޮތުން ނޮވެމްބަރ 11 ގައޭ އިބްރާހިމް މުހަންމަދު ސޯލިހް ރައީސްކަމުގެ ހުވާ ކުރައްވަންވާނީ. ނޮވެމްބަރު 17 އަށް ކޮންމެހެން ލަސްކުރަންޖެހޭނެ ކަމަކަށް ނުދެކެން. އެއީ މިހާރުވެސް ނޮވެމްބަރ 11 ފާހަގަ ކުރަމުންދަނީ ޖުމްހޫރީ ދުވަހުގެ ގޮތުގައި" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅިވީ އިންތިޚާބު ކާމިޔާބު ކުރެއްވި ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް ރައީސްކަމުގެ ހުވާ ކުރެއްވުން ނޮވެމްބަރު 17 އަށް ލަސްކުރަންޖެހޭނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ ވެރިކަމުގެ ފަސްއަހަރުގެ ދައުރެއް ހަމަވާ ދުވަހަކަށް ވާންޖެހޭނީ އަންނަ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުގައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި މިހާރު ރައީސްކަމުގައި ހުންނެވި ރައީސް ޔާމީން އަބްދުލްގައްޔޫމަށް ނޮވެމްބަރު 11 އަށް 5 އަހަރުގެ މުއްދަތެއްގަ މަގާމު އަދާކުރެއްވުނީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ފަސް އަހަރު ހަމަވެގެންދާ ދުވަހަކަށް ވާންޖެހޭނީ އަޅުގަނޑުމެންގެ ގަދީމީގޮތުން ފެށިގެން އަންނަ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ނޮވެމްބަރު 11" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން އިއްޔެ މިނިވަންކޮށްފައިވާއިރު ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް ގާސިމް އެއްބަސްވެވަޑައިގެން ގާސިމްގެ ފަރާތުން 70،000 ރުފިޔާ ކޯޓަށް ދެއްކުމުންނެވެ.
މިއާ އެކު ގާސިމް ވަނީ އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަން އިއުލާން ކުރައްވާފައެވެ.
އިބޫ ހުވާ ކުރައްވަން ޖެހޭނީ ނޮވެމްބަރ 11 ގައި - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ