ޕްރިންސިޕަލް ތޯހާ: މައުލޫމާތު ހޯދާ! މަސައްކަތް ދަސްކުރޭ!

ތިރީގައި އެވަނީ ޗުއްޓީ ހޭދަކުރުމާއި ޗުއްޓީގައި ބެލެނިވެރިންނާއި ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި، ކިޔެވުމުގައި ސަމާލުކަން ދެވިދާނެ ބައެއް ކަންކަމާ ބެހޭ ގޮތުން "މިހާރު ސްކޫލް ގައިޑް" އަށް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް ދެއްވި އިންޓަވިއުއެކެވެ.
ޗުއްޓީ ތެރޭގައި ކޮބައިތޯ ރާއްޖޭގެ ބެލެނިވެރިންނަށް ހެދޭ އެންމެ ބޮޑު ގޯސްތަކަކީ؟
ޗުއްޓީ ތެރޭގައި އާންމުކޮށް މިހާރަށް އައިސް މި ފެންނަނީ ހޮލިޑޭ ކޭމްސްޕްތައް. ތަފާތު ކޭމްޕްސްތައް ބާއްވާއިރު ވިސްނާލުން ރަނގަޅު ކަންނޭނގެ އަނެއްކާވެސް ކިޔެވުމަށް، ނޫނީ އެއްޗެހިތަކެއް ދަސްކުރުމަށް ވުރެ ބޮޑަށް މުޅި އަހަރު ދުވަހުގެ ކިޔެވުމުގެ ވަރުބަލިކަން ފިލުވާލަން. ތަންކޮޅެއް ހިތްހަމަޖެހުމާއި ކުޅިވަރާއި މަޖަލުގެ ތެރެއިން އެއްޗެހިތަކެއް ދަސްވެއްޖެއްޔާ [އާ އަހަރަށް އަންނަ އިރު] ހަށިގަނޑު ތައްޔާރުވެފައި ހުންނާނީ.
ތިޔަ ވިދާޅުވީ ބައެއް ކޭމްޕްސްތަކުގައި ހުސް ކިޔެވުމޭ އަނެއްކާވެސް ކުރިއަށް ގެންދަނީ ކުދިންނަށް އެއްވެސް ކަހަލަ ރެސްޓެއް ނުލިބި؟ އެހެންވެ އެކަންކަމާ ދުރުވާށޭތޯ ތި ވިދާޅުވަނީ؟
މުޅިން ދުރުވާށެކޭ ނޫން. ގިނަ ފަހަރަށް ސްކޫލް ނިމިގެން އަނެއްކާވެސް އިނގިރޭސި ކުލާހަކަށް، ހިސާބު ކުލާހަކަށް، ޓިއުޝަންއަށް، މިހެން ދިޔައިމަ ވަރަށް ގިނަ ކުދިންގެ މުޅި އަހަރު ދަނީ ވަރަށް ބޮޑަށް ފޮތާ އެކީގައި. ދާއިރުގައި މުޅި ހަށިގަނޑަށް އެ ލިބެން ޖެހޭ ތަރުބިއްޔަތެއް ނުއެއް ލިބޭ. ހަމައެކަނި ސިކުނޑީގެ ވަކި ބަޔަކަށް މި ހުރިހާ ދުވަހު، 10 އަހަރު ދުވަހުގެ މަސައްކަތް މިކޮށްދެވެނީ. ވަރަށް ގިނަ ކުދިން ކުޅޭ ތަން ވެސް ފެނޭ. އެކަމަކު މުޅި އާބާދީއަށް ބަލާއިރުގައި ވަރަށް ގިނަ ކުދިންނަކީ ހަމައެކަނި ފޮތާ އެކީގައި އުޅޭ ކުދިބައެއްގެ ގޮތުގައި މި އެނގެނީ. ފޮތުގައި އޮންނަ އެއްޗެއް އެނގެން ކިޔަވަން ޖެހޭނެ. މިހާރު ފެށިގެން އުޅޭ ޓްރެންޑެއް އެއީ ކޭމްޕްތައް ބޭއްވުން. ކޭމްޕް ވެސް އެބަ ހުރި ކަންނޭނގެ ވަރަށް އެންޖޯއީ ގޮތަކަށް ގެންދާ. އެ ކޭމްޕްތަކުގައި ބައިވެރިވުން ރަނގަޅު ކަންނޭނގެ. ކިޔެވުމުގައި އަނެއްކާވެސް އެންގޭޖްވުމުގެ ބަދަލުގައި ކުޅިވަރުގެ ތެރެއިން އިތުރު އެއްޗެހިތަކެއް، ކަންކަން ދަސްވާ ކަހަލަ ގޮތަކަށް ގެންދެވިއްޖެއްޔާ ރަނގަޅުވާނެ.
ޗުއްޓީގައި ބެލެނިވެރިންނާއި ކުދިން ސަމާލުކަން ދޭން ޖެހޭ ކަންކަމަކީ ކޮބައިތޯ؟
ޗުއްޓީގައި ހަމަ ރަނގަޅު ކަންނޭނގެ ޕޭރަންޓްސް އާއި ކުދިންނާ އެކީގައި ވާހަކަ ދައްކާލާ، ސުވާލުކޮށްލާ ހަދަން. ކިހިނެއްތޯ އަހަރުގެ ކަންތައްތައް ދިޔައީ، ކިހިނެއްތޯ މީހުންނާ އެކީގައި އުޅުމާއި ގުޅުން [ބެހެއްޓުނީ] އަދި [އެހެން] ކުދިންނާ އެކީގައި ކަންތައްތައް ދިޔަ ގޮތުގެ ތެރެއިން ދަސްކުރަން ޖެހެނީ ކޮން އެއްޗެއްތޯ. އަބަދުވެސް ކަރިކިޔުލަމަށް ފޯކަސްކުރަނީ. ކަރުކިޔުލަމް މާނަ މިކުރަނީ ވެސް ވަރަށް ހަނިކޮށް، ފޮތްތައް ކަމުގައި މި ބަލަނީ. އަހަރު ނިމޭ އިރު އަބަދުވެސް އަހާލެވޭނީ މި އަހަރު ސީއެއް ނޫންހޭ ލިބުނީ މި އަންނަ އަހަރު ބީއެއް ހޯދަން ޖެހޭނޭ. [އެކަމަކު] މީހުންނާ އެކީގައި އުޅެން ދިމާވީ ކޮން މައްސަލަތަކެއްތޯ، އަންނަ އަހަރު އެކަން ރަނގަޅުކޮށްލަން ކުރެވޭނީ ކޮން ކަންތައްތަކެއްތޯ، އެއަކަށް [ސަމާލުކަމެއް] ނުދެވޭ. އެހެންވެ ޗުއްޓީ ތެރޭގައި ވަރަށް މުހިންމު އެއް ކަމެއް އެއީ އަދި ހަމައެހެންމެ އަނެއް އަހަރު ސްކޫލަށް އަންނަ އިރުގައި. އަޅުގަނޑުމެން ބޮޑަށް ބޭނުންވަނީ ކުއްޖާގެ އަމިއްލަ ނަފުސު، އޭނާ އުޅޭ މާހައުލު ވަރަށް ބޮޑަށް ދެނެގަންނަން މަސައްކަތްކުރާ ކުއްޖެއްގެ ގޮތުގައި، އެ ލިބުނު ފުރުސަތު [ބޮޑު ޗުއްޓީ] ބޭނުންކުރަން. މިސާލަކަށް އާއިލާގައި ތިބީ ކިތައް މީހުންތޯ ބަލައިލަން. ގިނަ ފަހަރު [އެ ކުދިންގެ] ކުޑަކުޑަ އާއިލާ އެކަނި އެނގެނީ. ދިވެހި ރާއްޖޭގައި ކިތައް ރަށްތޯ އޮތީ، އެއެއް ވެސް ނޭނގޭ. އެންމެ ކައިރި މާހައުލުގައި ނޫނީ ވަށައިގެން ވާ ޖަމާއަތުގައި ހުރި ކަންކަން ނޭނގި، މާ ދުރުގައި ހިނގާ ކަންތައްތައް އެނގިފައި މި ހުންނީ. އެހެންވެ ސެލްފް އެވެއާއެއް ނޫން. އަމިއްލަ ނަފުސެއް ވެސް ނޭނގޭ. އަމިއްލަ ގައުމެއް ވެސް ނޭނގޭ. އަމިއްލަ ތާރީޚެއް ވެސް ނޭނގޭ. އެހެންވެ އަސްލު ވަރަށް ރނަގަޅު ވަގުތުކޮޅެއް، [ޗުއްޓީއަކީ] ރަށްރަށަށް ވެސް ޒިޔާރަތްކޮށްލައި، މީހުންގެ ލައިފްސްޓައިލް ހުންނަ ގޮތް ބާލައިލުން.
ތިޔަ ވިދާޅުވަނީ ބެލެނިވެރިން ވެސް މުޅި އަހަރު ބިޒީކޮށް އުޅެ، ކުދިންނާ މާ ބޮޑަށް ކަންކަމާ މެދު ވާހަކަ ނުދެއްކޭ އިރު، ޗުއްޓީ ތެރޭގައި އެކަން ރަނގަޅުކޮށްލާށޭ އެހެން ނޫންތޯ؟
އޮފީސް މަސައްކަތާ ހެދި ގިނަ ފަހަރަށް ބައްދަލު ނުވެ ވެސް ދޭ. ނޫނީ ވާހަކަ ދައްކާނުލެވި ވެސް ދޭ. ކޮންމެހެން ގެންދަން ޖެހޭ ތަންތަނަށް، ކްލާސްތަކަށް، ސްކޫލަށް ގެންދޭ. އެކަމަކު އިށީނދެލައި، ވާހަކަ ދައްކާލައި، އެއީ ވަރަށް ނުކުރެވޭ ކަމެއް ދިވެހި މުޖުތަމައުގައި، އަޅުގަނޑުމެން އެންމެން ވެސް ހިމެނޭ ގޮތަށް. މި ދަންނަވަނީ މިހާރުގެ ރިސާޗުތަކުން، ވަޒީފާ ލިބުމަށް ބާރުއެޅޭ ހުނަރުތަކުގެ ތެރޭގައި އެބަ ހިމެނޭ މީހުންނާ އެކުގައި ރަނގަޅަށް އުޅެން އެނގޭ މީހުން. އެކަމަކު ފޮތާ އެކީގައި ވަގުތު ހޭދަކުރާ ކުއްޖާ، ޓެކްނޮލޮޖީއާ ހެދި އަނެއްކާވެސް މުނިފޫހިފިލުވަން މިކުރާ ކަމަކީ ވެސް މީހުންނާ ވަކިވުން. ކިޔަވާ ނިންމާފައި ދެން މުނިފޫހިފިލުވާނީ ޓެބްލެޓް ކައިރީގައި ނޫނީ ކޮމްޕިއުޓަރު ކައިރީގައި. އަނެއްކާވެސް މީހުންނާ ވަކިވަނީ. ދިހަ އަހަރު، 12 އަހަރު ނިންމާފައި ބަޔަކާ އެކު މަސައްކަތްކުރަން ނުކުންނަ އިރު މީހުންނަ އެކީގައި އުޅޭކަށް ނޭނގޭ، ވާހަކަ ދައްކާކަށް ނޭނގޭ، އެމޯޝަންސް އަކީ ކޮބައިކަމެއް ނޭނގޭ.
ކުދިންނަށް މިވެނި ކަމެއް ސްކޫލަކަށް ނުކޮށްދެވޭނޭ، މިއީ ބެލެނިވެރިން ނުވަތަ މުޖުތަމައުން ކޮށްދެވޭނެ ކަމެކޭ، އެގޮތަށް ނެގިދާނެ ބައެއް ކަންކަން ވިދާޅުވެދެއްވަފާނަންތޯ؟
އެއް ކަމަކީ ސޮފްޓް ސްކިލްސް. އޭގެ ތެރޭގައި ހިމެނޭ ވަރަށް ބައިވަރު ކަންތައްތައް. އޭގެ ތެރޭގައި ކޮމިޔުނިކޭޝަން ހިމެނޭ. ގިނަ ފަހަރަށް ކްލާހެއްގައި ނުވަތަ މުޖުތަމައުއެއްގައި ދިމާވާ ނޫނީ އޮފީހެއްގައި ވިޔަސް، ގައުމު ހިންގުމުގެ ގޮތަށް ބަލާއިރު ވެސް، މައްސަލަތައް ދިމާވާނީ ދެކެވޭ ވާހަކަތަކުން. އެހެން މީހުންގެ އިހުސާސްތަކަށް، އެހެން މީހުން ދެކޭ ގޮތަށް ނުބަލައި، ތިމާ އަމިއްލައަށް ބޭނުން އެއްޗެއް، ބޭނުން ގޮޮތަކަށް ބުނެލައިގެން ބޮޑެތި މައްސަލަތައް ދިމާވަނީ. އެހެންވީމާ ކުދިންގެ މުސްތަގުބަލުގައި [ކާމިޔާބު] މީހަކަށް ހެދުމަށް އަބަދު ކިޔަވައިދެނީ ވެސް، ބޭނުންވާ އެއްޗެއް ހޯދައިދެނީ ވެސް. ކޯސްތަކަށް ލާރި އެއްކޮށްގެން ބޭރަށް ކިޔަވަން ފޮނުވަނީ ވެސް. އެކަމަކު އެންމެ މުހިންމު އެއް އަަސާސަކީ މީހުންނާ އެކު މި ކުރާ މުއާމަލާތްތައް. މުއާމަލާތްކުރުމުގެ ވައްޓަފާޅިއަށް، މުއާމަލާތްކުރާ ގޮތްތައް ހަމައެކަނި ސްކޫލަކުން ދަހެއް ނުކޮށްދެވޭނެ. ސްކޫލެއްގައި ކިޔަވައިދޭ ގަޑިތަކެއްގައި ޓީޗަރުން ކުދިންނަށް ކިޔަވައިދޭ އެއްޗެއްގެ އިތުރަށް ވަރަށް ބައިވަރު އެއްޗެހި ގޭގައި ވެސް ކިޔައިދެވޭނެ. މުޖުތަމުގައި ކުދިން އެކި ކަންކަމުގައި އުޅޭ އިރު ފާހަގަވާ ކަންތައްތަކަށް ބަލާފައި ބެލެނިވެރިންނަށް ކިޔައިދެވޭނެ. އެއީ އެއް ބައި. އަނެއް ބަޔަކީ ކުދިން ލައްވާ ގޭގައި މަސައްކަތްކުރުވުން. މަސައްކަތްކުރީމާ އެނގެނީ ކިހާ ބުރަ ކަމެއްކަން، ކިހާ މުހިންމު ކަމެއްކަން، މައިންބަފައިން ވެސް އެ ކުރަނީ. ދަރިން ދެކެ ލޯބިން އެ މީހުން ލައްވާ އެއްވެސް ކަމެއް ނުކުރުވާ، އޭނާ އަމިއްލައަށް އުޅެން ޖެހޭ ހާލަތަށް ދާއިރުގައި އޭނާ އަނެއްކާވެސް ފެއިލްވާ މީހެއްގެ ގޮތުގައި ގިނަ ފަހަރަށް ފެންނަނީ. ތައްޓެއް ދޮއްވަނީކީ ނޫން، ގޭގައި އެނދު ރީތިކުރުވަނީކީ ނޫން. ގޭތެރޭގައި ހުންނަ ފަންކާ ނޫނީ އޭސީ ސާފުކުރުވަނީކީ ނޫން. އެހެންވެ ކުދިންނަށް މި ދަސްވަނީ ގޭތެރޭގައި ތިމާ އަމިއްލައަށް ކުރަން ޖެހޭ މަސައްކަތްތަކަކީ މީހަކަށް ލާރި ދީގެން ގެނެސް ކުރާ ކަންތައްތަކެއްގެ ގޮތުގައި. އެކަމަކު ތަރައްގީވެފައި ހުރި ތަންތަނުގައި ސްކޫލްތަކުގައި ވެސް ކުދިން ލައްވާ މަސައްކަތް ކުރުވާ. ފާހާނާ ވެސް ސާފުކުރުވަނީ. އެހެންވީމާ ދުނިޔެއިން އެކަންކަން ފެންނަ އިރު އަޅުގަނޑުމެން ވެސް އެބަ ޖެހޭ ކުިދނަށް ދަސްކޮށްދޭން.
އެބައި ރާއްޖޭގައި ވަރަށް ދަށްކޮންތޯ ފާހަގަކުރެއްވެނީ؟
އަޅުގަނޑަށް ފާހަގަކުރެވެނީ މައިންބަފައިން ދަރިން ދެކެ ލޯބިން ގޭގައި، ހަމަ ފެން ބޯ ތަށި ވެސް އަމިއްލައަށް ދޮވެލަން އެއީ ދަރިފުޅު ކުރަން ނުޖެހޭ ކަމެއްގެ ގޮތުގައި. އެކަމަކު މިހާރަކަށް އައިސް ބައެއް ގޭގޭގައި އެކަންކަން ކުރުވާކަން އެބަ އެނގޭ. އެކަމަކު ގިނަ އަދަދެއްގެ ކުދިން އެކަން ކުރަން ފެށީމަތާ އަޅުގަނޑުމެންނަށް ރާއްޖޭގައި އެކަން ކުރެއޭ ބުނެވޭނީ.
އިތުރު ހަރަކާތްތަކުގައި ކުދިން ބައިވެރިކުރަން ބެލެނިވެރިން ސަމާލުކަން ދިނުން ކިހާ ވަރަކަށް ބަދަލުވެއްޖެތޯ، ނުވަތަ އަދިވެސް އޮތީ ހަމައެކަނި ފޮތައިގެން އުޅުމުގެ އާދަތޯ؟
އަދިވެސް ދިވެހިރާއްޖޭގައި މި އޮންނަނީ އޯ ލެވެލް، އޭ ލެވެލް އިމްތިހާން. ދެ އިމްތިހާނުން ނުކުންނަ ނަތީޖާއަކަށް ވަރަށް ބޮޑަށް ބިނާވެފައި މި އޮންނަނީ ޔުނިވަސިޓީ ތައުލީމު، ނޫނީ ވަޒީފާ ލިބުން. އެކަމަކު މިހާރަކަށް އައިސް ފާހަގަވާ ކަމެއް މިއީ ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުން މީހުން ނަގާ އިރު އެކަޑަމިކް މެރިޓަކަށް އެކަންޏެއް ނޫން ބަލަނީ. ވަރަށް ބައިވަރު ސޮފްޓް ސްކީލްސްއަށް ބަލާ. އެގޮތަށް ބަލާއިރު އަޅުގަނޑުމެންނަށް އަދިވެސް އޯ ލެވެލް، އޭ ލެވެލްގެ އަމިއްލަ ކަރިކިޔުލަމެއް ނެތުމާ އެކީގައި، އެންމެ ބޮޑަށް މި ބެލެނީ އޯ ލެވެލްގެ، އޭ ލެވެލްގެ ނަތީޖާއަށް. އެހެން ބެލޭތީ މިވާ ގޮތަކީ އެހެން އެއްޗިއްސަށް ދޭން ޖެހޭ ސަމާލުކަން ނުދެވެނީ. މަސައްކަތްތެރިކަމަށް ދޭން ޖެހޭ ސަމާލުކަން ވެސް ނުދެވެނީ. ކުއްޖާގެ ޕާސަނަލް ޑިވެލޮޕްމަންޓަށް ދޭން ޖެހޭ ސަމާލުކަން ވެސް ނުދެވެނީ. ވާ ގޮތަކީ އެއިން އެއްޗަކުން ޓެސްޓް ނުކުރެވޭތީ، މާކްސް ނުދޭތީ، ސެޓްފިކެޓް ނުދޭތީ. ގައުމީ ލެވެލްގައި ބޮޑު ޖަލްސާއެއް ބާއްވާފައި ޓޮޕް ޓެން ނުހޮވާތީ. ހަމައެކަނި ގައުމީ ލެވެލްގައި ފާހަގަކުރާ ކަމަކަށް މި އޮންނަނީ އޯ ލެވެލް އާއި އޭ ލެވެލްގެ ނަތީޖާ. ގައުމީ ލެވެލްގައި އެކަން އޮންނާތީ އަދިވެސް ވަރަށް ގިނަ ބޭފުޅުންނަށް ފާޙަގަކުރެއްވެނީ އެންމެ މުހިންމު ކަމަކީ ހަމަ ދެލިގަނޑު ދަސްކޮށްގެން ނަތީޖާ ހޯދުން. އެކަމަކު ދުނިޔެ މަޑެއް ނުކުރޭ އަޅުގަނޑުމެން ބޭނުންހާ އިރު ކަންކަން ރަނގަޅުކުރަންދެން. ވަރަށް ގިނަ ތަންތަނުގައި ވަޒީފާ ދޭއިރު މިހިރިއްޔޭ ބަލާ ކަންކަމަކީ އޭގައި ހަމައެކަނި އޯ ލެވެލް ނުވަތަ އޭ ލެވެލް ނޫން ކަންނޭނގެ ބަލަނީ. އެ ނަތީޖާއާ އެކު ވަރަށް ބައިވަރު ކަންކަން [ރަނގަޅުވުމާ އެކު] ވަޒީފާ ވެސް ލިބެނީ.
ސްކޫލް ކުދިން ބޭން ޖަހަނީ: ދިރިއުޅުމުގައި އެކި ކަންކަން ދަސްކުރަން ޖެހޭ
އާ އަހަރަށް ސްކޫލަށް އަންނަ އިރު ދަރިވަރުންނަށް ދެއްވާނެ މެސެޖަކީ ކޮބައިތޯ؟
މިހާރު ދުނިޔޭގައި ހުރިހާ ކަމެއް ވެސް ބަލައިލެވެން އެ އޮތީ އިނގިލި ކުރީގައި. ހަމައެކަނި ގޭމް ކުޅުމާއި ޓެކްނޮކޮޖީގެ ކަންތައްތަކަށް ވަގުތު ހުސްކުރުމުގެ އިތުރަށް އެހެން ކަންކަމަށް ވެސް ވަގުތު ހޭދަކުރާށޭ. ކޮބައިތޯ މުސްތަގުލުގައި ދުނިޔެއަށް މި އަންނަ ބަދަލުތަކުގެ ސަބަބުން ތިމާމެން ކިޔަވާ ނިމޭއިރު ތިބެން ޖެހޭ ހިސާބަކީ. އެ އެއްޗެހި އެނގިގެން، ކަންކަން ދިރާސާކޮށްގެން ކިޔަވަމުން ދާށޭ، އޭރުން ދެވޭނީ ރަނގަޅަށް. ރަނގަޅު މިސްރާބަށް. [މިސާލަކަށް] ދުނިޔޭގެ ވަރަށް ގިނަ ވަޒީފާތައް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެބަ ކުރޭ. އިންސާނުންނެއް ނޫން އެ މަސައްކަތްތައް މުސްތަގުބަލުގައި ކުރާނީ. ކުރާއިރު އަޅުގަނޑުމެން މި ތަރައްގީ ވަނީ ރޮބަޓްސް ކުރާ ކަންތައްތައް ކަމަށް ވަންޏާ ދެން ފުރުސަތު ބޮޑުވާނީ ކްރިއޭޓިވް މީހުންނަށް. ރޮބަޓްސްއަކަށް ކްރިއޭޓިވްއެއް ނުވެވޭ. މުސްތަގުބަލުގައި ބޭނުންވަނީ ކޮން ކަހަލަ ތައުލީމެއްތޯ، ވަޒީފާތަކަށް ނަގާނީ ކޮން ކަހަލަ ބަޔަކުތޯ، އެ އެއްޗެހި އެނގިގެން ކިޔެވުން ކުރިއަށް ގެންދާށޭ. މީހަކު ބުނަންދެން މަޑުނުކުރާށޭ މައުލޫމާތު ހޯދަން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ