ގާސިމް އިބްރާހީމްގެ ރިޔާސަތުގައި ފުރަތަަމަ ފަހަރަށް މަޖިލީހުގެ ޖަލްސާއެއް ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ ރިޔާސަތުގެ ދަށުން ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާއެއް ބާއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިބްރާހީމް އިންނަވައިގެން ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަވާއިރު މިއަދުގެ ޖަލްސާއަށް މުހިއްމު މައްސަލަތަކެއް ހުށަހެޅިފައިވާ ކަން ފާހަގަކުރެވެ އެވެ.
އެގޮތުން މިއަދުގެ ޖަލްސާއަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށާއި، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު އުފައްދާ މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މީގެއިތުރުން އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލްގެ ބަހުސާއި ދިވެހިރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނުގެ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމަށްވެސް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިބްރާހީމް އިންނަވައިގެން ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާއެއް މިއަދު ކުރިއަށް ގެންދާތީ މެންބަރުން ވަނީ ގާސިމް އިބްރާހީމަށް މަރުހަބާ ދަންނަވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް އިންތިހާބުކުރީ މަޖިލީހުގެ ރައީސްގެ ގޮތުގައި މީގެކުރިން ހުންނެވި އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އެމައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކުރުމާއެކު މަސީހު މަގާމުން އިސްތިއުފާ ދެއްވުމުންނެެވެ.
ގާސިމް އިބްރާހީމް މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުކުރީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ ތެރެއިން 62 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ގާސިމް އިބްރާހީމާ ވާދަކުރެއްވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ލިބިވަޑައިގެންނެވީ 16 ވޯޓެވެ.
ގާސިމް އިބްރާހީމް މީގެކުރިން ވަނީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަން ކުރައްވާފަ އެވެ. އޭރު އެ މަޖިލީހުގެ ރިޔާސަތު ގާސިމް އިބްރާހީމް ބެލެހެއްޓެވި ގޮތުން ގިނަ މެންބަރުންތަކެއްގެ ތައުރީފް ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ