ވެރިކަމުގެ ފުރަތަމަ 60 ދުވަސް ތެރޭގައި ފަރުޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ: އިސްލާމިކް މިނިސްޓަރ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 60 ދުވަހުގެ ތެރޭގައި ޕެންޝަން ފައިސާއިން ފަރުޟު ހައްޖު އަދާ ކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިިރު ވިދާޅުވެއްޖެއެވެ. 
ހޯމަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ފުރަތަމަ 100 ދުވަހުގެ ޕްލޭންގައި ހިމެނޭ ކަންކަމުގައި އިސްކަންދޭ ތަރުތީބުތަކެއް ވާ ކަމަށާއިި، އޭގެ ތެރެއިން ޕެންޝަން ފައިސާއިން ފަރުޟު ހައްޖު އަދާކުރަން ބޭނުން ކުރެވޭ ގޮތް ވެރިކަމުގެ ފުރަތަމަ 60 ދުވަހުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ. 
މިނިސްޓަރ އިތުރަށް ވިދާޅުވީ، ޕެންޝަން ފައިސާއިން ހައްޖަށް ދެވޭގޮތް ހަމަޖެއްސުމަށްޓަކައި ބަލަންޖެހޭ ބައިވަރު ކަންކަން ހުުންނާނެ ކަމަށާއި، އިސްކަން ދޭނެ ތަރުތީބެއް ކަނޑައަޅަންވެސް ޖެހޭނެ ކަމަށެވެ. އެގޮތުން ދެމަފިރިން ތިބޭ ހާލަތެއްގައި ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަމަށް ބޭނުން ކުރެވޭ ގޮތްތައް ކަނޑައެޅޭނީ ކަމާބެހޭ ފަރާތްތަކާއި އިދާރާތަކާއި ގުޅިގެން ވަކި އުސޫލެއްގެ މަތިން ކަމަށެވެ. 
"މީގަ އަޅުގަނޑުމެން އުސޫލެއް ކަނޑައަޅާއިރު އެއީ ފަރުޟު ހައްޖު ވުމަށް ބޭނުންވާ ފަރާތްތަަކަށްތޯ އިސްކަން ދޭނީ، ނޫނީ ހަމަ ކޮންމެ ބޭފުޅަކަށްވެސް މި ދޮރު ހުޅުވާލާނީތޯ، ނޫނީ މި ފައިސާ ބޭނުންކުރެޥޭނީ ދެމަފިރިންނަށްތޯ. އެއީ މިސާލަކަށް ފިރިމީހާ ޕެންޝަން ފަންޑުގަ ބައިވެރި ވެފައިވާކަމަށް ވަނީ ނަމަ، ވަޒީފާ އަދާކުރާ ކަމަށް ވަނީ ނަމަ، އެ ފުރުސަތު ފިރިމީހާއަށާއި އަނބިމީހާއަށް ދެބޭފުޅުންނަށްވެސް ލިބޭނެތޯ، އެހެންވީމާ މީ އަޅުގަނޑުމެން ކަމާބެހޭ އިދާރާތަކާ ވާހަކަދައްކައިގެން އެބޭފުޅުންނާއެކު އިށީނދެ އަޅުގަނޑުމެން އުސޫލެއްގެ ދަށުން ކުރިޔައް ގެންދާނެ މަސައްކަތެއް،" މިިނިސްޓަރ ވިދާޅުވިއެވެ. 
މީގެ އިތުރުން ވެރިކަމުގެ ފުރަތަަމަ 100 ދުވަހު ކަނޑައެޅޭ ވަކި މިސްކިތްތަކެއްގައި އަންހެނުންނަށް ނަމާދު ކުރެވޭނެ ގޮތްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ކަންކަން ހޯމަ ދުވަހު ފެށިގެންދާނެ ކަމަށް މިނިސްޓަރ ވަނީ މައުލޫމާތުދެއްވާފައެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ