މަޖިލިސް ފަށަން ބޭނުމީ ކޯލިޝަނުގެ ރިޔާސަތެއްގަ: ޢަބްދުﷲ ރިޔާޟް

ރައްޔިތުންގެ މަޖިލިސް ފަށަން ބޭނުންވަނީ ކޯލިޝަނުގެ ރިޔާސަތެއްގައި ކަމަށް ވިދާޅުވެ އެކަމަށް ފުރުޞަތުގެ ދެއްވުމުގެ ގޮތުން މިހާރަށް މިހާރަށް އިސްތިޢުފާ ދެއްވުމަށް މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙަށް ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ގޮވާލައްވައިފިއެވެ.
ޢަބްދުﷲ ރިޔާޟް އާއި އިތުރު ބައެއް މެންބަރުން މިކަމަށް ގޮވައިލެއްވީ ޖޭޕީގެ ހެޑްކްއާޓަރސް މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޢަބްދުﷲ ރިޔާޟް ވިދާޅުވީ މަޞީޙް އިސްތިޢުފާ ނުދެއްވާނަމަ އެކަން ކުރެއްވެން އޮތް ގޮތަކަށް މަޖިލީހުގެ ތެރެއިން ކުރަން ކޯލިޝަނުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން ބޭނުންވާ އެއްބާރުލުން ދެއްވުމަށް މަޖިލީހުގެ ނައިބް ރައީސް އަށް ވެސް ވަނީ ގޮވާލައިފައެވެ.
ޢަބްދުﷲ ރިޔާޟް ވިދާޅުވީ މަޖިލީހުގައި މިހާރު އޮތީ ކޯލިޝަނުގެ އަޣްލަބިއްޔަތު ކަމަށާއި ޕީޕީއެމްގެ ބައެއް މެންބަރުންގެ އެއްބާރުލުން ކޯލިޝަނަށް ލިބޭނެ ކަމަށެވެ. "ޤާނޫނު އަސާސީ އަށްވެސް ބަދަލުތަކެއް ގެންނަން އެބަޖެހޭ. އެކަން ކުރެވޭނީ ވަރަށް ގިނަ އަދަދެއްގެ މެންބަރުންގެ އެއްބާރުލުން ލިބިގެން."
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ވިދާޅުވީ ބަޖެޓުގެ ކަންކަން ނިމިގެން ދާނީ ކޯލިޝަނުން ހުށަހަޅާ ހުށަހަޅާ ކަންކަމާއިއެކުގައި ކަމަށެވެ. "މަޖިލީހުގެ ކަންކަން ދެން ނިމޭނީ ރައީސް ޔާމީނު ބޭނުންފުޅުވާ ގޮތަކަށް ނޫން. މަޖިލީހަކީ ރައީސް ޔާމީނަށް ރަބަރު ތައްގަނޑު ޖަހައިދޭ ތަނެއްގެ ގޮތުގައި އޮތް އޮތުން ނިމިއްޖެ." ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ