ހައްޔަރުކުރަން ޖެހޭ ވަރުގެ ޖިނާއީ އެއްވެސް ކުށެއް ނުކުރަން: އަހުމަދު ޝަރީފް

ހައްޔަރުކުރަން ޖެހޭ ވަރުގެ ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ރިޝްވަތު ނަގައިގެން އިލެކްޝަންސް ކޮމިޝަނުގެ ތެރޭގައި އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ބައެއް ކަންކަން ހިންގާފައިވާ ކަމަށް ބުނެ، ދެކެވޭ ވާހަކަތަކާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ. އަހްމަދު ޝަރީފް ވިދާޅުވީ ހައްޔަރުކުރަން ޖެހޭ ވަރުގެ ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށާއި، އެހެންނަމަވެސް ހައްޔަރުކޮށް ތުހުމަތެއް ކުރާނަމަ އެކަމަށް ޖަވާބުދާރީވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ޝަކުވާތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މައުލޫމާތުތަކެއް ލިބެމުންދާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ހުށަހަޅާ ޝަކުވާތަކުގައި އިންތިހާބު ބާތިލްކުރަންޖެހޭ ފަދަ ޝަކުވާތަކެއް ހުރި ކަން އެނގޭނީ އެ ޝަކުވާތައް ލިބުމުން، ބަލައި ދިރާސާކުރެއްވުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ހުރިހާ ކަމެއްވެސް ކުރިއަށް ދިޔައީ ވަރަށް ސުލްހަވެރިކޮށް އަމާންކަމާއެކު އަދި މާބޮޑު މައްސަލަތަކެއް ކުރިމަތި ނުވެ، ކަމަށްވާތީ އިންތިހާބު ބާތިލްކުރަންޖެހޭ ސަބަބެއް މިވަގުތަށް ނެތް ކަމަށެވެ.މީގެއިތުރުން ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުން ފަސްކުރުމަށް ޕީޕީއެމް އިން އެދުނު ކަމަށް ދެކެވެމުންދާ ވާހަކަތައްވެސް ޝަރީފް ވަނީ ދޮގު ކުރައްވާފައެވެ. ޝަރީފް ވިދާޅުވީ ރަސްމީ ނަތީޖާ ލަސްކުރުމަށް ޕީޕީއެމް އިން އެދިފައި ނުވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ