އަލިފާން ފެންނަ ރޯފައިލެއް ނުލިބޭނެ، އެއޮންނާނީ ޕޮލިސް ކަސްޓަޑީގައި: އުމަރު ނަސީރު

ކުރީގެ ރައީސް، އަބްދުﷲ ޔާމީން ހުޅުލެއިން މާލެއަށް ދަތުރުފުޅުކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވައިލުމާ ގުޅިގެން އުފެދުނު އަލިފާން ފެންނަ ވީޑިއޯ ގެ ރޯފައިލް އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށާއި އެ ފައިލް އޮންނާނީ ފުލުހުންގެ ކަސްޓަޑީގައި ކަމަށް އެމައްސަލަ ތަހުގީގު ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވި އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވެފައި މި ވަނީ، ފިނިފެންމާ ލޯންޗު ގޮއްވައިލި ހާދިސާއާ އާ ގުޅިގެން އޭރު އޭނާ އިސްވެ ހުންނަވައި ހިންގެވި ތަހުގީގުގައި ރައީސް އޮފީސްތެރޭ ނޫސްވެރީންނަށް ދެއްކި ވީޑިއޯގައި އަލިފާން ފެނުނު ނަމަވެސް، އެއީ އެޑިޓްކޮށްފައިވާ ވީޑިއޯއެއް ކަމަށް ތުހުމަތު ކުރައްވައި ރައީސް ޔާމީންގެ ކުރީގެ ސްޕޯކްސް ޕާސަން އިބްރާހީމް މުއާޒް އަލީ ވާހަކައްކަވައިފައި ވަނިކޮށެވެ. އަދި އެ ވީޑިއޯގެ އަސްލު ރޯފައިލް ކަމަށް ބުނެ ސަންގު ޓީވީން ރޭ ވީޑިއޯއެއްވެސް އާންމުކޮށްފައި ވަނިކޮށެވެ. ރައީސް އޮފީހުގެ ކެމެރާއިން ނަގާފައިވާ ވީޑިއޯގެ ރޯ ފައިލް ކަމަށް ބުނެ ސަންގު ޓީވީން ރޭ އާންމުކުރި ވީޑިއޯއިން ލޯންޗު ހާދިސާގައި ރައީސް އޮފީހުން ކުރީން އާންމުކުރި އަލިފާންގަނޑެއް ނުފެނެ އެވެ.
"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ނަސީރު މިއަދު ވިދާޅުވީ އެ ވީޑިއޯ އަކީ ތަހުގީގަށް ލިބިފައިވާ އެވިޑެންސެއް ކަމަށާއި އޭގެ ރޯފައިލް އޮންނާނީ ފުލުހުންގެ ޗޭން އޮފް ކަސްޓަޑީގެ ހުރިހާ ޕްރޮސީޖަރެއްގެ ތެރޭން ގޮސް އެކަމަށް ޚާއްސަ ސްޓޯރ ރޫމުގައި ކަމަށެވެ.
"އެ ސްޓޯރ ރޫމަކީ އެވިޑެންސް ބެހެއްޓުމަށް ޚާއްސަ ވަރަށް ވެސް ސެކިއުރިޓީ މަތި ތަނެއް. އެތަނަށް އެއްޗެއް ވައްދައި ނެރުމަކީ ވެސް ވަރަށް ޚާއްސަ އަދި ހައި ސެކިއުރިޓީ ޕްރޮސީޖަރެއް. އެންމެ މީހަކަށް އެއްޗެއް ނުވެސް ވެއްދޭނެ ނުވެސް ނެރެވޭނެ." އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ފުލުހުންގެ ކަސްޓަޑީގައި ހުންނަ އެވިޑެންސް، (ހެކި) އެތަނުން ބޭރު ކުރެވެނީ ވަރަށް ޚާއްސަ ޕްރޮސީޖަރެއްގެ ދަށުން ހަމަ އެކަނި ކޯޓުން ބޭނުންވެއްޖެ ހާލަތެއްގައި އެކަނި ކަމަށެވެ. އެހާލަތުގައި ވެސް އެ ހެކި އެއްތަނުން އަނެއް ތަނަށް އުފުލައި ގެންގުޅޭނީ ސެކިއުރިޓީގެ ގޮތުން ވަރަށް ބޮޑަށް ބަލަހައްޓައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ވީމަ ރޯފައިލޭ ކިޔާފަ އެދައްކަނީ ހުސް ފޭކް ވާހަކަ. އެއީ މިހާރުވެސް ތަހުގީގުކުރަމުން އަންނަ މައްސަލައެއް. އެ ރޯފައިލް ބޭރެއް ނުވާނެ. ދިވެހި ފުލުހުންވެސް އެއަސްވުރެ މާ ޕްރޮފެޝަނަލް ވާނެ." އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ