ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ގޮވާލައިފިއެވެ.
ޔާމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލިވުމުން ބޭސް ކުރެވުމަކީ އިންސާނީ ހައްގެއް ކަމަށާއި އެކަމަށް އިހުމާލުވުމަކީ އިންސާނީ ކަރާމާތަށް އިހުމާލުވުން ކަމަށެވެ. އެގޮތުން އެކުވެރި އަދީބަށް ބޭސްފަރުވާގެެ އެންމެހާ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ޔާމީން ވަނީ ގޮވާލާފައެވެ.
މެމްބަރު ޔާމީންގެ އިތުރުން އަދީބަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވެސް ވަނީ މިއަދު ގޮވާލާފައެވެ.
އަދީބަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ޕީޕީއެމް އަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލީހުގެ ދެ މެމްބަރަކު ގޮވާލާފައިވާއިރު އަދީބުގެ ސިއްހީ ހާލުކޮޅު މާބޮޑަށް ގޯސްވެ، ގޭ ބަންދަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާކަަމަށް އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބައެއް ވަޒީރުން ދަތުރުކުރެއްވި ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބު ހައްޔަރު ކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހު އެވެ. އަދީބު ހައްޔަރު ކުރީ ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު ސިންގަޕޫރަށް ވެސް ވަޑައިގެން އެގައުމުގައި މަޑުކުރައްވާ، އެނބުރި ރާއްޖެ ވަޑައިގެންނެވި ތަނުންނެވެ.
އަދީބު ހައްޔަރު ކުރެވުނީ ރައީސް ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްގައި ދިން ހަމަލާ އާއި ގުޅިގެން ކަމަށް ވީނަމަވެސް އޭނާގެ މައްޗަށް އޭރުވެސް ތުހުމަތު ކުރެވެމުން ދިޔަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުއްޓެވެ. އަދީބު ހައްޔަރުކޮށް ތަޙްޤީޤު ކުރުމުން އެނގިފައިވާ ގޮތުގައި އަދީބު އިސްވެހުރެ އެމްއެމްޕީއާރްސީ އިން ވަނީ ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަަގަށް ނަގާފައެވެ.
އޭގެތެރެއިން ބައެއް މައްސަލަތަކުގައި އަދީބުގެ މައްޗަށް މިހާރު ޙުކުމް އިއްވާފައިވާއިރު އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ތިރީހަކަށް މައްސަލައިގެ ޝަރީޢަތް އަދިވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.
އެކުވެރި އަދީބަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދީ - މެމްބަރު ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ